ގަވައިދުން އިންސްޓަގްރާމް ކުރާ މީހުން ހަފްތާއެއްގެ މައްޗަށް ސެލްފީ ނެގުމުގައި ފަސް ގަޑިއިރު ހޭދަކުރާ ކަމަށްވެ އެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް 48 މިނުޓެވެ. އަދި އެ "ޕާފެކްޓް ޝޮޓް" ނެގުމަށް މަދުވެގެން ހަތް ފޮޓޯ ނަގަންޖެހޭ ކަމަށްވެ އެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީއެއްގައި މަސައްކަތް ކުރައްވާ ނިއުރޯ ސައިކޮލޮޖިސްޓެސް ކަމަށްވާ އަނުއްކާ ލިންޑެލް ވިދާޅުވި ގޮތުގައި ސެލްފީ ނަގާ މީހުން ގިނައިން ފޮޓޯގައި އަރުވާފައި ހުންނަނީ މޫނުގެ ވާތްފަޅި އެވެ. އޭނާ މި ނިންމުމަށް އައިސްފައިވަނީ 2000 އެއްހާ އިންސްޓަގްރާމް ސެލްފީ ދިރާސާކުރެއްވުމަށް ފަހުގަ އެވެ.

އަހަރެމެންގެ ތެރެއިން ވެސް ގިނަ މީހުންނަށް ސެލްފީ އެއް ނުވަތަ ލޯގަނޑުން ސެލްފީއެއް ނަގަން ޖެހިއްޖެ ނަމަ ވެސް ބޮޑަށް ދެއްކެނީ މޫނުގެ ވާތްފަޅި އެވެ. އެއީ ގިނަ ފަހަރު އިހްތިޔާރުން ބޭރުގައި ކުރެވޭ ކަމެކެވެ. މީގެ އިތުރުން ކުރެހުންތެރިން މީހުންގެ ފޮޓޯ ކުރަހާއިރުވެސް ބޮޑަށް ހުންނަނީ މޫނުގެ ވާތްފަޅި ފެންނަ ގޮތަށްކަން ފާހަގަކުރެވެ އެވެ. މަޝްހޫރު ކުރެހުން "މޮނަ ލިސާ" އެއީ ވެސް މީގެ ހެއްކެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި އިހުސާސުތައް އެންމެ ބޮޑަށް ފާހަގަ ވާނީ ވެސް މޫނުގެ ވާތް ފަރާތުންނެވެ. ސަބަބެއްގެ ގޮތުގައި ބެލެވެނީ އިންސާނާގެ އިހުސާސުތައް ކޮންޓްރޯލް ކުރަނީ ސިކުނޑީގެ ވާތް ފަރާތް ކަމަށް ވުމެވެ. އިންސާނާގެ ސިކުނޑީގެ ކަނާތްފަރާތް ކޮންޓްރޯލް ކުރަނީ އިންސާނާ ކުރާ ހަރަކާތްތަކެވެ. އެހެން ކަމުން އާންމުކޮށް ފޮޓޯއަކަށް ހުއްޓިލާށޭ ބުނުމުން މީހާއަށް ހުއްޓިލެވޭނީ މޫނުގެ ވާތް ފަރާތް ދައްކައިގެންނެވެ. އަދި މާ ބޮޑަށް ދެރަވެފައި ހުންނަ ވަގުތަކު ފޮޓޯ ނެގުމަށް މޫނުގެ ކަނާތް ފަރާތް ދައްކަފާނެ އެވެ. އެއީ އިހުސާސުތައް ފޮރުވުމަށް ކަމަށް ބެލެވެ އެވެ.

ބުނެބަލާށެވެ. ފޮޓޯތަކަށް ރީތީ ތިބާގެ މޫނުގެ ކޮން ފަޅިއެއް ހެއްޔެވެ؟