ކ. ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ވިއްކި ދޯންޏެއްގެ ފައިސާ ނުދެއްކުމުން އެންމެ ފަހުން ގަދަކަމުން ދޯނި އަތުލައިފި އެވެ.

އޮންލައިން ނޫސް "އައްޑޫ ލައިވް" ގައި ވަނީ ލ. ވަޑިނޮޅު ކައިރީ އެންދަމަން އޮއްވައި ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ދޯންޏަށެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މީގެ ދެއަހަރު ކުރިން އެދޯނި ވިއްކާލީ ހަތް މިލިއަން ރުފިޔާ އަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް ކަމަށެވެ.

"ހަތް ލައްކަ ރުފިޔާ ދޯނި ގަތް ފަރާތުން ދެއްކީ. ބާކީ ފައިސާއެއް ނުދައްކާ. ދޯނި ހަވާލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް ދޯނި ހަވާލެއް ނުކުރި،" އެ ދޯނީގެ ފަރާތުން ވާހަކަދެއްކި މީހަކު ވަގުތު ނޫހަށް ބުނެފައިވެ އެވެ. "އެހެންވެ ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ."

އޭނާ ބުނީ ދޯނި ގަތް ފައިސާ މަހުން މަހަށް ބަހާލައިގެން ދައްކާ ގޮތައް އެއްބަސްވުމުގައި އޮތް އިރު ދެމަސް ދުވަހުގެ ފައިސާ ނުދައްކައިފިނަމަ ދޯނި ގެންދެވިދާނެ ކަމަށް އެގްރިމެންޓްގައި ބުނާ ކަމަށެވެ.

އެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނީ ރޭ 11:55 ހާއިރު ލ. އަތޮޅު އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން އެ ދޯނި ލ. ގަން ތުނޑިއަށް ކައިރިކޮށް އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ފުލުހުން ގޮސް ބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވޭ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏެއް ކަމަށާއި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ، ބަޔަކު ދިޔައީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.