ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއަށް ދައުވާ ކުރަން ފޮނުވުމުގައި އެއްވެސް ޒާތީ ކަމެއް ނެތްކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބިނެފި އެވެ. އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ހިއުމަންރައިޓް ކޮމިޝަނުން ތަހުގީގް ކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގަ އެވެ.

އެކޮމިޝަނުން މިގޮތަށް ބަޔާން ބެރުނީ ކުޑަކުދިންގެ ހިޔާގައި 2017 ވަނަ އަހަރު ހިނގައިދިޔަ ހާދިސާއެއް ތަހުގީގް ކުރުމަށްފަހު ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއަށާއި އިތުރު އެހެން ބަޔަކަށް ދައުވާ ކުުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

މިބަޔާނުގައި ބުނެފައިވަނީ އެންޓި ޓޯޗަރ ޤާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މިކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައްޔާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތަޢައްޞުބެއް ނޯންނާނޭކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާ އަދި ނަޒާހާތްތެރިކަމާ އެކުގައިކަމަށެވެ.

އަދި ހަމައެހެންމެ، އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން މިކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މަޢުލޫމާތެއްގައި އެއްވެސް ފަރާތެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެކަމަށް އެޗްއާރުސީއެމްއިން ވަނި ބުނެފަ އެވެ. އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ޚަބަރުތައް ގެނެސްދެއްވުމުގައި، އެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޙައްޤަކަށް އެއްވެސް އަސަރެއް ނުކުރާނޭ މޭރުމަކުން ޚަބަރުތައް ގެނެސްދެއްވުމަށް ވަނީ އިލްތިމާސް ކުރައްވާ ފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން އެޗްއާރުސީއެމްއަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާ ގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއްކަމަށް ވަނީ ބުނެފަ އެވެ.

އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާކުރުމާއި ރަޙުމްކުޑަ ޢަމަލު ހިންގުމާއި، ލާއިންސާނީ ޢަމަލު ހިންގުމާއި، އިހާނެތި ޢަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެޤާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާނޫނީ ޒިންމާވަނީ އެޤާނޫނުގެ ދަށުން ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހަމައެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިޚްތިޞާޞްވެސް އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން މިކޮމިޝަނަށް ލިބިދީފައިވާކަމަށް ވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

ޒެނީޝާގެ މައްޗަށް ދައުވާކުރަން ފޮނުވުމުން ގިނަ ފަރާތްތަކުންދަނީ އެކަމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދައުވާ އަނބުރާ ގެންދެވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގަ އެވެ. މެމދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ޒެނީޝާއަށް ދައުވާ ކުރަން ފޮނުވުން ވައްތަރީ ޒާތީ ކަމަކާ ކަމުގަ އެވެ.