އިންޑިއާގެ ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ތަރި ޕުނީތު ރާޖްކުމާރް، ހާޓް އެޓޭކެއް ޖެހިގެން މަރުވުމާ ގުޅިގެން ސަޕޯޓަރުން އޭނާއަށް ފަހުގެ އިހުތިރާމް އަދާކުރުމަށް މަގުތަކަށް އެއްވެއްޖެ އެވެ.

ކަންނާޑާ އެކްޓަރު ޕުނޫތު މަރުވި އިރު އޭނާގެ އުމުރަކީ 46 އަހަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ ކަސްރަތު ކުރަންހުއްޓައި މެއަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ޕުނީތަށް ފަރުވާ ދިން ބެންގަލޫރޫގެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕުނީތުގެ މަރާއެކު ސަޕޯޓަރުން ހަމަނުޖެހުން ހިންގަފާނެތީ ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރޫގެ ފިހާރަތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. ޕުނީތުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބެންގަލޫރޫގެ މަގުތަކަށް އެއްވަމުންދާއިރު ވީހާވެސް ގިނަ ބަޔަކަށް އޭނާއަށް ފަހުގެ އިހުތިރާމް އަދާ ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ސަޕޯޓަރުންގެ އިތުރުން ސައުތު ފިލްމީ ދާއިރާގެ ފަންނާނުންނާއި ބޮލީވުޑްގެ މަޝްހޫރު ތަރިން އަންނަނީ ހިތާމަ ފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. މީގެ އިތުރުން ކަރްނާޓަކާގެ ޗީފް މިނިސްޓަރު ބަސަވަރާޖް ބޮމާއީ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ ޕުނީތުގެ އާއިލާއަށް ތައުޒިއާ ވިދާޅުވެ ޓުވީޓް ކުރައްވާފަ އެވެ.

ސައުތު އިންޑިއަން މަޝްހޫރު އެކްޓަރު ޕުނީތު

އެގޮތުން ބެންގަލޫރޫގެ ކަންތީވަރާ ސްޓޭޑިއަމްގައި އޭނާގެ ހަށިގަނޑު މާދަމާ ވަންދެން ބާއްވާނެ އެވެ. އަދި ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ފެންވަރުގެ އިއްޒަތުގަ އެވެ. އަދި ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ ޕުނީތުގެ ދެ އަންހެން ދަރިން އިންޑިއާއަށް އައުމުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މަޝްހޫރު ކަންނާޑާ އެކްޓަރު ރާޖް ކުމާރުގެ ދަރިއެއް ކަމަށްވާ ޕުނީތު ފުރަތަމަ ފިލްމީ ދާއިރާއަށް ނުކުތީ ބައްޕަގެ ފިލްމެއްގައި ކުޑަކުއްޖެއްގެ ރޯލުން އުމުރުން 10 އަހަރުގަ އެވެ. ކާމިޔާބު ކަންނާޑާ ފިލްމުތަކެއް ކުޅެފައިވާ ޕުނީތުގެ ކުއްލި މަރާއެކު ކަރްނާޓަކާ ސްޓޭޓް ވަނީ ސިއްސުވާލާފަ އެވެ.

ޕުނީތު ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އައްޕޫ"، "ވީރާ ކަންނަޑިގާ" އަދި "މައުރްޔާ" ފަދަ ފިލްމުތައް ހިމެނެ އެވެ.

ޕުނީތު މަރުވި އިރު އޭނާގެ އަންބަކާއި ދެ އަންހެން ދަރިން އެބަތިއްބެވެ.