މި ދަނޑިވަޅަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރު މަޝްވަރާތަކަށް ވަގުތުނަގާލެވެން އޮތް ދަނޑިވަޅެއް ނޫންކަމަށާއި މިއީ އެންމެން އެއްކަމަކަށް އެއްބަސްވެ އެކަންކަމަށް އަމަލުކުރަން ފަށަންވީ ވަގުތު ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ޝައުނާ މިހެން ވިދާޅުވީ ސްކޮޓްލަންޑްގެ ގްލަސްގޯގައި މިހާރު ކުރިޔަށްދާ ކޮޕް26 ގެ ހަވާސާގައި، ކޮމަންވެލްތްގެ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވި ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާކަމަށް ލަފާކުރެވޭ ނާޒުކު ގިންތީގެ ގައުމުތަކުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އިތުރު އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރައްވާފަ އެވެ.
މި މަތީ ފަންތީގެ ބައްދަލުވުމުގައި މިނިސްޓަރު އާމިނަތު ޝައުނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކުއްލި ޙާލަތްތަކުގައި ރާއްޖެއިން އިސްކަންދޭނެކަން ބަޔާންކޮށްދެއްވާފަ އެވެ.
މި ޕެނަލްގެ މަޝްވަރާތައް ޗެއާ ކުރައްވާފައިވަނީ ޝެއިހް ހަސީނާ އެވެ. އަދި މި މަތީ ފަންތީގެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީސިއާ އާއި ސްކޮޓްލަންޑާއި އެހެން ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މިއީ 48 މެމްބަރު ގައުމު ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި 1.2 ބިލިއަން މީހުން އަދި ކޮމަންވެލްތްގެ 54 މެމްބަރު ގައުމުގެ 2.5 ބިލިއަން މީހުން ތަމްސީލުކުރާގޮތަށް ބޭއްވުނު ފުރަތަމަ މިފަދަ މަތީ ފަންތީގެ ބައްދަލުވުން ކަމަށެވެ.
ކްލައިމެޓް ވަލްނަރަބަލް ފޯރަމްއަކީ 2009 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް ކޮޕް15 ގެ ކުރިން ދިވެހި ސަރުކާރުގެ އިސްނެގުމުގެ މަތިން އުފެއްދި ފޯރަމެކެވެ.
މިއަދު ބޭއްވި މަތީ ފަންތީގެ މި ބައްދަލުވުމަކީ ކޮޕް26 ގައި ކޮމަންވެލްތް ޕެވިލިއަންގައި ކުރިއަށްދާ ކޮމަންވެލްތް ފޯ ކްލައިމެޓް ސިލްސިލާގެ ޙަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.