ލަންޑަން (ނޮވެމްބަރު 1) - ބްރެކްސިޓްގެ ފަހުން މަސްވެރިކަންކުރަން ހުއްދަ ދިނުމުގައި ފްރާންސުން އަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން، ފްރާންސާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރުސް އިންޒާރު ކުރައްވައިފި އެވެ.

މިދިޔަ މަހު އިނގިރޭސިވިލާތާއި ޖާޒީއިން ވަނީ ފްރާންސްގެ އެތައް ބޯޓަކަށް އެ މީހުންގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވުމުގެ ހުއްދަ ނުދީ ހިފަހައްޓާފަ އެވެ. ބަދަލު ހިފުމުގެ ގޮތުން ފްރާންސުން ވަނީ އެ ގައުމުގެ ބައެއް ބަނދަރުތަކުން އިނގިރޭސި ބޯޓްތައް ވަނުން މަނާކޮށް ޖަޒީއަށް ދޭ ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރުދީފަ އެވެ.

ޓްރުސް ބީބީސީއަށް ވިދާޅުވީ، މަސްވެރިކަމަށް އިތުރު ހުއްދަތައް ދޫކުރުމަށް ވަކި މުއްދަތެއް ކަނޑައެޅުމުގައި ފްރާންސުން އަމަލުކުރަމުންދަނީ "ބޭއިންސާފުން" ކަމަށެވެ. ޕެރިހުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް އެކަން އެގޮތަށް ނުހިނގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮމިޝަނާއި، ފްރާންސާއި، އިނގިރޭސިވިލާތާއި، ޗެނަލް އައިލެންޑްސްގެ މަންދޫބުން މިއަދު މެންދުރުފަހު މަޝްވަރާތައް ބާއްވަވާނެ އެވެ.

އެ ކޮމިޝަންގެ ތަރުޖަމާނަކު ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން "ނުނިމި ހުރި މައްސަލަތަކަށް އަވަސް ހައްލެއް" ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ޗެނަލް އައިލެންޑް ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރުމަށް ފްރާންސްގެ ބޯޓްތަކުން ހުއްދައަށް އެދި ހުށަހެޅި އެޕްލިކޭޝަންގެ 40 ޕަސެންޓަށް ހުއްދަ ނުދިނީ ސިޔާސީ ވިސްނުމަކުން ކަމަށް ފްރާންސުން ތުހުމަތު ކުރެ އެވެ.

ނަމަވެސް އިނގިރޭސިވިލާތުގެ ބްރެކްސިޓް މިނިސްޓަރު ލޯޑް ފްރޮސްޓް ވިދާޅުވެފައިވަނީ އީޔޫގެ ބޯޓުތަކުން 98 ޕަސެންޓް އެޕްލިކޭޝަން ދޫކުރުމުގައި އިނގިރޭސިވިލާތް އޮތީ "ވަރަށް ދީލަތިކޮށް" ކަމަށެވެ.

ހޯމަ ދުވަހު މިސް ޓްރިސް ބީބީސީ ރޭޑިއޯ 4 ގެ ޓުޑޭ ޕްރޮގްރާމްގައި ވިދާޅުވީ، އީޔޫއާއި އިނގިރޭސިވިލާތާ ދެމެދު ބްރެކްސިޓްގެ ފަހުން ވެވުނު އެއްބަސްވުމާ އެއްގޮތަށް ފްރާންސްގެ ބޯޓްތަކަށް މަސްވެރިކަމުގެ ލައިސަންސް "މުޅިން ވެސް" ދީފައިވާ ކަމަށެވެ.

އެކަމަނާ އިންޒާރު ކުރެއްވީ، ފްރާންސުން އިންޒާރުތައް އަނބުރާ ނުގެނެސްފި ނަމަ، "ފްރާންސާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އީޔޫއާއެކު އަޅުގަނޑުމެން ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމުގައި ޑިސްޕިއުޓް ރިޒޮލިއުޝަން މެކޭނިޒަމް ބޭނުންކުރުމަށް،" އިނގިރޭސިވިލާތް އޮތީ ތައްޔާރަށް ކަމަށެވެ.

"މި ނުރައްކާތަކާ ކުރިމަތިލުމުގައި އަހަރެމެން ރޯލް އޯވާއެއް ނުކުރަން،" އެކަމަނާ އިތުރަށް ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ހިޔަނި ބިޒްނަސް ސެކްރެޓަރީ އެޑް މިލިބަންޑް ސްކައި ނިއުސްއަށް ވިދާޅުވެފައިވަނީ "ފްރާންސުން އަމަލުކުރާ ގޮތް ދެކެ ހިތްހަމަނުޖެހޭ" ކަމަށާއި ބަހުސްގެ "ފިނިހޫނުމިން ދަށްކުރުމަށް" ދެފަރާތަށް ވެސް އިލްތިމާސްކުރައްވާ ކަމަށެވެ. -- ބީބީސީ