ސްކޮޓްލޭންޑުގައި މިހާރު ކުރިއަށް ގެންދާ ކޮޕް26 އެންވަޔަރަންމަންޓް ސަމިޓަށް 400 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް 1،000 އަށް ވުރެ ގިނަ ވީއައިޕީންނާއި އެ މީހުންގެ ސްޓާފުން ދަނީ ދަތުރުކުރަމުން. އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖެފް ބެޒޯސްގެ އިތުރުން ދުނިޔޭގެ އެހެން ލީޑަރުން ވެސް ވަނީ ސަމިޓަށް ގެންދިޔައީ ޕްރައިވެޓް ޖެޓްތަކުގައި.

ގްލާސްގޯ (ނޮވެމްބަރު 2) - ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށް ގެންދާ އދ.ގެ ކޮޕް26 ކްލައިމެޓް ސަމިޓަށް ދުނިޔޭގެ ލީޑަރުންނާއި އެންމެ ބޮޑެތި މަހުޖަނުން އެތައް ސަތޭކަ ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާއިރު، މި ދަތުރުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ތިމާވެށީގެ މާހިރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ އެވެ.

އޭވިއޭޝަންގެ ހިދުމަތްދޭ ކުންފުނިންތަކާ ހަވާލާދީ ސްކޮޓްލެންޑްގެ ސަންޑޭ މެއިލް ނޫހުން ބުނީ 400 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓްގައި މީހުން އުފުލާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ މި މަޝްވަރާތަކުގައި 1،000 އަށްވުރެ ގިނަ ވީއައިޕީންނާއި އެ ފަރާތްތަކުގެ މުވައްޒަފުން ދަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ލީޑަރުން އެއްގަލަކަށް އެރުވުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއާ، އިޒްރޭލް އަދި ޖަޕާނުގެ ވެރިން ވެސް ކްލައިމެޓް ކްރައިސިސް ސިމްޕޯޒިއަމްއަށް ދަތުރުކޮށްފައި ވަނީ ޕްރައިވެޓް ޖެޓްތަކުގައި ކަމަށް ސަންޑޭ މެއިލްގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެޒޯންގެ ފައުންޑަރު ޖެފް ބެޒޯސް ވެސް ދަތުރުކުރީ އޭނާގެ 65 މިލިއަން ޑޮލަރުގެ ގަލްފްސްޓްރީމް ޖެޓުގަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ސްކޮޓްލެންޑުން ލަންޑަނަށް ވަޑައިގަންނަވަން ރާއްވަވަމުން ގެންދަވަނީ ޕްރައިވެޓް ޖެޓެއްގައި ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ.

އޭނާގެ ރަސްމީ ތަރުޖަމާނު އިނގިރޭސި ނޫހަކަށް ވިދާޅުވެފައިވަނީ، ބޮޑުވަޒީރަށް ގައުމުގެ ތެރޭގައި އަވަސް ދަތުރުތަކެއް ކުރަން ޖެހޭ ކަމަށާއި، އަދި ވަގުތު ސަލާމަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ.

އިންޓަނޭޝަނަލް ކައުންސިލް އޮން ކްލީން ޓްރާންސްޕޮޓޭޝަންއިން ބުނީ، ކޮމާޝަލް އޭވިއޭޝަނަކީ މިހާރު ދުނިޔެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ގާތްގަނޑަކަށް ދެ އިންސައްތަ ހިއްސާކުރާ އޭވިއޭޝަން ނަމަވެސް، 2050 ވަނަ އަހަރު އަންނަން ވާއިރަށް އެ އަދަދު ތިން ގުނައަށް އިތުރުވާނެ ކަމަށެވެ.

ޔޫރަޕްގެ ކެމްޕޭން ގްރޫޕެއް ކަމަށްވާ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އިން ބުނި ގޮތުގައި ޕްރައިވެޓް ޖެޓްތަކުގެ ސަބަބުން "ތިމާވެއްޓަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރެ އެވެ.

އެ ޖަމާއަތުން މި އަހަރުގެ މެއި މަހު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ޕްރައިވެޓް މަތިންދާ ބޯޓުތަކަކީ ކޮމާޝަލް މަތިންދާބޯޓުތަކަށް ވުރެ ފަސް ގުނަ އާއި 14 ގުނަ ދެމެދުގެ އަދަދަކަށް އިތުރަށް ވައި ތަޣައްޔަރުކުރާ އަދި ރޭލުތަކަށް ވުރެ 50 ގުނަ އިތުރަށް ވައި ތަޣައްޔަރުކުރާ އެއްޗެއް ކަމަށެވެ. -- އޭއެފްޕީ