ޒަމާނީ ގޮންޖެހުންތަކާ ފައިހަމަ ކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަކީ ހުރިހާ ފުލުހުންގެ ޒިންމާއެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރޭންކާއި ގްރޭޑްގެ ކުރިއެރުން ދިނުމަށް އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޒަމާނީ ގޮންޖެހުންތަކާ ފައިހަމަކުރެވޭވަރުގެ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ރައީސް ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމަށެވެ. އަދި އެމަނިކުފާނު ވެސް ލިބިފައިވާ ފުރުސަތާއި، ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެކަމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ދައުލަތުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ލިބިދޭންޖެހޭ ކަރާމަތާއި، ޝަރަފު ހޯދައިދިނުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިދަތިކަން އޮތް ދުވަސްވަރު 2022 ވަނަ އަހަރަށް ފުލުހުންގެ މުއައްސަސާއަށް ކަނޑައަޅުއްވާފައިވާ ބަޖެޓަކީ އޭގެ ހެއްކެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު މިއޮތީ އަޅުގަނޑުމެން އެންމެ އެދޭ ހިތްހަމަޖެހޭ ގޮތަކަށް ނޫން. މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފައި. މިހާލަތުގައި ވެސް ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަން ރައްޔިތުންގެ އުފާވެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާއަށް ދެވިފައިވާ ބަޖެޓަކީ މިކަމުގެ ހެއްކެއްކަން އަޅުގަނޑު ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބަޖެޓް ކޯޑްކޮށް ތަރުތީބުކުރެވިފައިވާ ގޮތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގެ ތެރެއިން ހާއްސަކޮށް ތަމްރީނާއި، ހުނަރަށް ހޭދަކުރެވޭ މިންވަރު ވެސް އިމްރާން ފާހަގަކުރެއްވި އެވެ. އެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުޖުތަމައު އަމާން ސުލުހަވެރި ވެއްޓަކަށް ދިއުމަށްޓަކައި ހުރި ބޮޑަތި ގޮންޖެހުންތަކަށް ކުށްކުރާ މީހުންނާއި، ކުށްވެރިންގެ ވިސްނުމާއި ފިކުރަށް އަދި ކުށްވެރިން ކަންކަން ބައްޓަންކުރާ ގޮތާއި، ކުށްކުރުމުގެ މުޅި މާހައުލަށް އަންނަ ބަދަލުތަކާ އެއްވަރަށް ފުލުހުން ފައިހަމަކޮށްގެން މެނުވީ ރާއްޖެއަށް ސުލުހަވެރި އަމާން ވެއްޓެއް ނުގެނެވޭނެ ކަމަށެވެ.

ފުލުހުންނާ މުހާތަބުކުރައްވާ އިމްރާން ވިދާޅުވީ މި މުޖުތަމައުގައި އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްކަން އޮންނަން ބޭނުންވި މިންވަރަކަށް ފުލުހުންގެ އަމިއްލަ ނަފުސުން އެކަން އަދާކޮށް މުޅި މުޖުތަމައުއަށް ދައްކައިދޭން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް މަތިކޮށްފައިއޮތީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، މުޖުތަމައު ޝަރަފްވެރި މުޖުތަމައުއަކަށް ވެގެންދަނީ ވެސް ފުލުހުންގެ މުއައްސަސާ ޝަރަފްވެރި މުޖުތަމައުއަކަށްވީ މިންވަރަކުން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ. މުއައްސަސާ ބިކަވެ ނިކަމެތިވި މިންވަރަކުން މުޅި ދައުލަތް، މުޅި ރައްޔިތުން، ބިކަވެ ނިކަމެތިވެގެންދާނެކަން އެ މަނިކުފާން ފާހަގަކުރެއްވި އެވެ.

"ފުލުހުންނަކީ އަމިއްލަ ނަފްސަށާއި، އެމީހެއްގެ އާއިލާގެ މައްޗަށް، އަދި މުޅި މުޖުތަމައުގެ މައްޗަށް އަބަދުވެސް އަދުލުވެރި އިންސާފުވެރި، ހަމަހަމަކަން ފޯރުކޮށްދޭ ބައެއް. އަޅުގަނޑުމެންގެ ތެރޭން އެކަން ނެތިގެން ހިނގައްޖެ ކޮންމެ ހިނދެއްގައި އޭގެ ހިތި ނަތީޖާއާއި، އަސަރު މުޅި ގައުމަށް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންގެ ގާނޫނީ ވާޖިބާއި ޒިންމާއަށްވުރެ ބޮޑަށް އިޖުތިމާއީ، އަމިއްލަ ފަރުދީ ޒިންމާ ބޮޑު ކަމަށެވެ.

ފުލުހަކަށްވީތީ އަމިއްލަ އިޖުތިމާއީ ފަރުދީ، ޒިންމާ އަދާކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މުޖުތަމައުގައި ހުރި ނުރައްކަލެއް އަދި ގޮންޖެހުމެއް ކުރިމަތިވާ ކޮންމެކަމަކުން މުޖުތަމައުގެ ހަމަޖެހުމާއި، ހިމޭންކަން ގެއްލިގެން ހިނގައިދާނެ އަދި މުޖުތަމައުގެ ފަރުދަކަށް ދެރަކަމެއް، ހިތާމައެއް ލިބިދާނެ ކޮންމެ ކަމަކުން ސަލާމަތްކޮށްދިނުމުގައި އަދާކުރަންޖެހޭ ފަރުދީ ޒިންމާތައް އޮތްކަން ވަރަށް ބޮޑަށް ގަބޫލުކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

މުޖުތަމައުގައި އޮންނަ އިޖުތިމާއީ ޒިންމާ އަދާނުކުރެވުނީމާ މުޖުތަމައުން ބަލައިގަންނަ މިންވަރު ތަފާތުވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރައްޔިތުން އެފަދަ ކަންކަން ބަލާނެ ކަމަށެވެ.