ކޮއްކޮމެން ޕްރީ ސްކޫލް ވެގެންދާނީ ޒަމާނީ ތައުލީމާއި، ރިވެތި އަހުލާގާއި ތަރުބިޔަތުގެ ބަގީޗާއަކަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ "ކޮއްކޮމެން ޕްރީ ސްކޫލް" ގެ ނަމުގައި މާލޭގައި ހިންގަމުން ދިޔަ ޕްރީ ސްކޫލަކީ މިދިޔަ މަހުން ފެށިގެން އޭނާގެ އަމިއްލަ ތަނެއް ކަން އިއުލާނު ކުރެއްވުމަށް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގަ އެވެ.
ޝަހީމް ވިދާޅުވީ އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތައް، އިތުރު ޓިއުޝަނަށް ނުފޮނުވައި ސްކޫލުން ފިލި ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުން ކަމަށެވެ. އަދި އިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ގުރުއާނާ އަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މި ސްކޫލުން ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނާއި އެކަނިވެރި މައިންގެ ކުދިންނަށް ހިލޭ ކިޔެވޭނެ ހާއްސަ ޖާގަ އިރާދަކުރެއްވިއްޔާ ހަމަޖައްސާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތައް، އިތުރު ޓިއުޝަނަށް ނުފޮނުވައި ސްކޫލުން 'ފިލި' ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުމެވެ. އަދި އިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ގުރުއާނާ އަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ އެވެ. އަދި މި ސްކޫލުން ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނަށް ހިލޭ ކިޔެވޭނެ ޚާއްޞަ ޖާގަ އިރާދަކުރެއްވިއްޔާ ހަމަ ޖައްސާނަމެވެ. އަދި އެކަނިވެރި މައިންގެ ދަރިންނަށް ވެސް ހަމަ އެފަދައިން ސީޓް ހަމަ ޖައްސާނަމެވެ. އެ ކުދިންނަށް ވެސް އުފާވެރި މާހައުލެއްގައި ފެންވަރު ރަނގަޅު ތަޢުލީމެއް ލިބެންވާނެކަމުގައި އަޅުގަނޑު ދެކޭތީ އެވެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އެ ސްކޫލުގެ ސިޔާސަތަކީ ކޮންމެ ކްލާސް ރޫމެއްގައި 15 ކުދިންނަށް ވުރެ އިތުރު ނުކުރުން ކަމަށެވެ. އެ ސްކޫލުގައި ފެންވަރު ރަނގަޅު އޯގާތެރި، ތަޖުރިބާހުރި ޓީޗަރުން ތިބޭނެ ކަމަށާ ރާއްޖެއިން ބޭރުގެ ޕްރީ ސްކޫލްތަކުން މުވައްޒަފުން އިތުރަށް ތަމްރީނު ކުރެވިގެންދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އެ ސްކޫލުން ޖާގަ ހޯދަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.