ބޮލުން އިސްތަށި ފޭބުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ވަރަށް ގިނަ މީހުން ކަންބޮޑުވާ އާންމު މައްސަލަ އެކެވެ. އެގޮތުން ދިވެހިންގެ ތެރޭގައިވެސް މި މައްސަލަ ކުރިމަތިވާ މީހުން ވަރަށް ގިނަ އެވެ. ޚާއްޞަކޮށް އަންހެން ބޭފުޅުންނެވެ.

ކޮންމެ އަންހެން ކުއްޖަކުވެސް ބޭނުންވަނީ ރީތި ލޫޅާފަތި ހަށިގަނޑެއްގެ ވެރިޔަކަށް ވާށެވެ. ލައި އުޅޭ ހެދުންތައް ކިރިޔާ ބާރު ވިޔަސް އެދެން ކަންތަކާ ޖެހުނީ އެވެ. ދެން އެޖެހުނީ ޑައިޓް ކުރަން ފަށާށެވެ. ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ޑައިޓް ކުރުމަކީ ނުކައި ހުރުމެވެ. ހިކުމުގެ ނަމުގައި ނުކައި ހުރުމުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެއް މަދުވެގެންދެ އެވެ. މިގޮތުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނެރަލްސް މަދުވެ އެވެ. އަދި މިކަމުގެ ސަބަބުން އިސްތަށިގަނޑު އާދަޔާ ޚިލާފަށް ބަލިވެ، އިސްތަށި ބުރިވުމާއި ބުޑުންް ލުހިގެން ދިޔުންފަދަ ކަންކަމަށް މަގުފަހިވެ އެވެ.

ދުންފަތަކީވެސް އިސްތަށިގަނޑަށް ހުރި ނުރައްކަލެކެވެ. މީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ‘އޮކްސިޖަން’ ލިބޭ މިންވަރު މަދުވެ އެވެ. މީގެ އިތުރުން ދުންފަތަކީ އުމުރަށް ވުރެ އަވަހަށް އިންސާނާ މުސްކުޅި ކޮށްލާ އެއްޗެއް ކަމަށް ހޯދުންތަކުން ދައްކަ އެވެ. މިގޮތުން ބޮލުން އިސްތަށި ފޭބުމާއި ތަލަ ވުމަކީވެސް ދުންފަތުން ލިބިދާނެ ގެއްލުމެވެ.

އާދަޔާ ޚިލާފަށް ކަންކަމާ ވިސްނާ ފިކުރު ކުރުމަކީވެސް އިސްތަށި ފޭބުމަށް މަގުފަހި ކުރުވާ ކަމެކެވެ. ސަބަބަކީ މިފަދަ ވަގުތު ތަކަކީ ހަށިގަނޑުގައި އާ އިސްތަށި އުފެއްދުމަށް ހުރަސް އަޅާ ދެ ހޯމޯން ކަމުގައިވާ ކޯޓިސޮލް އާއި ނޯރާ ޑްރިނަލައިން ހަށިގަނޑުގައި އުފެދޭ މިންވަރު އިތުރުވާ ވަގުތެވެ.

އިރުގެ އަލީގެ ސަބަބުން އިސްތަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ އުފައްދާ މިންވަރު މަތިވެ އެވެ. އެހެންނަމަވެސް ވިސްނާލަންވީ ކަމަކީ މާ ގިނަ ވަގުތު އަވީގައި އުޅޭނަމަ އެކަމުން ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމެވެ. އޭރުން އިސްތަށިގަނޑު މުރަނަވެ ދެކަފިވާންވެސް ފަށަ އެވެ.

އިސްތަށިގަނޑަށް ލިބޭ ގެއްލުމުގެ ސަބަބުން ލިބިފައި ހުންނަ އުނިކަން ފިލުވާލުމަށްޓަކައި ގިނަ އަންހެން ކުދިން ދެން މިސްރާބު ޖަހާނީ ކޮންމެވެސް ސެލޫން އަކަށެވެ. އެތަނުން ބޭނުންކުރާ ކެމިކަލް ތަކެއްގެ އެހީގައި އިސްތަށިގަނޑަށް ވަގުތީ ރީތިކަމެއް ގެނެސްދެ އެވެ. ނަމަވެސް އިސްތަށިގަނޑު ބުޅި ކުރުމާއި ފަން ކުރުންފަދަ ކަންކަމަށް އެތަންތަނުން ބޭނުންކުރާ ގިނަ ޕްރޮޑަކްޓްސް ތަކަކީ އިސްތަށިގަނޑު ހަލާކުކޮށްލާ ގިނަ ކެމިކަލް ތަކެއް ހިމެނޭ އެއްޗެއްސެވެ.