އައިޖީއެމްއެޗްގައި ލޭގެ ޓެސްޓް ހެދުން މެދުކަނޑާލަން ޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 9ވަނަ ފަންގިފިލާގެ އޭސީ ސިސްޓަމް ހަލާކުވެ ޓެސްޓްހަދާ މެޝިންތައް ހުއްޓިގެން ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނާ ގުޅިގެން އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭސީ ސިސްޓަމަށް މައްސަލަ ދިމާވީ މެއިންޓެނަންސް ނުކުރާތާ ގިނަދުވަސްވެގެން ކަމަށެވެ.

އެހެންކަމުން ލެބޯޓްރީގެ ފިނިހޫނުމިން 30 ޑިގްރީއަށްވުރެ މައްޗަށް ގޮސްގެން ޓެސްޓް ހަދާ މެޝިންތައް ހުއްޓުނީ ކަމަށެވެ.

އޭނާކުރި ޓުވީޓުގައި ބުނެފައިވަނީ އޭސީ ސިސްޓަމް ރަނގަޅުނުވެގެން ކޫލިން ފޭން ހަރުކުރީ މެޑްޓެކް މޯލްޑިވްސް ކިޔާ ބަޔަކު ކަމަށާއި ހޮސްޕިޓަލްގެ ބަޔާނުގައި ބުނެފައިވާ ގޮތަށް ސީއެލް މެޝިން ތަކަށް މައްސަލައެއް ކުރިމަތި ނުވާ ކަމަށެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ވަނީ އައިޖީއެމްއެޗް ލެބޯޓްރީއިން ދެމުންދާ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވެދާނެކަމަށް ކުރިން ލަފާކުރެވިފައިނެތް، ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ޓެސްޓުތައް ހެދުން ވަނީ ވަގުތީ ގޮތުން މަޑުކަނޑާލެވިފައިވާ ކަމަށެވެ.

އައިޖީއެމްއެޗްއަކީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރާ ގުޅޭ ގޮތުންނާއި އަދި ތަނުގެ މެއިންޓެނަންސް ކަންކަން ނުބެލެހެއްޓޭތީ އެކަމުގެ ޝަކުވާތައް ފަހަކަށް އައިސް ކުރެވެމުންދެ އެވެ.

އޭނާގެ މިޓުވީޓާ ގުޅިގެން އަދި އައިޖީއެމްޗުން އެއްޗެއް ބުނެފައެއް ނުވެ އެވެ.