ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޕާޓީތަކުން އެއްބަސްވެެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް ޕާޓީތަކުން އެކަން ދޮގުކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ލިޔުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަންނަ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފެންނަ ނުފެންނަ ވޯޓަކަށް ގޮސް، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. މިކަމާގުޅޭގޮތުން ދާދިފަހުން ރައީސް ނަޝީދުވަނީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި އަދި އަލަށް އުފެެއްދި އެމްއެންޕީ އެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުންނާ މަޖިލީހުގައި ބައްދަލުކުރެއްވުމުން އެބޭފުޅުންވަނީ ރައީސް ޔާމީނާ ނުލާ އެފަދަ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ހާމަކޮށްފަ އެވެ. އިދިކޮޅުން ކުރިންވެސް ބުނެފައިވަނީ ރައްޔިތުންވަނީ ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވާފައިވާ މެސެޖާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީންވަނީ އެޕާޓީން ނިޒާމް ބަދަލުކުރަން އެއްބަސްނުވާ ކަމަށް ބުނެފަ އެވެ. ނިޒާމު ބަދަލުކުރުމުގެ މައްސަލައާއި ގުޅިގެން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ރައީސް ނަޝީދު ބައްދަލުކުރައްވާފައި ވީކަމުގައި ވިޔަސް އެފަދަ އެއްބަސްވުމަކަށް ނާދެވޭ ކަމަށާއި އެކަން ނިންމާނީ އެޕާޓީގެ ކައުންސިލުން ކަމަށްވެސް އެޕާޓީން ބުންޏެވެ.

ކޯލިޝަން އަނެއް ޕާޓްނަރ ކަމުގައިވާ ރައީސް މައުމޫންގެ ޕާޓީ، އެމްއާރްއެމުންވެސް އެވާހަކަ ދޮގުކުރެ އެވެ. އެޕާޓީންވެސް ބުނެފައިވަނީ އެފަދަ ނިންމުމެއް އެޕާޓީން ނިންމާފައި ނުވާ ކަމަށެވެ. އެޕާޓީގެ ޒައީމް ރައީސް މައުމޫން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިިތުން ގޮތް ނިންމާފައިވާ ކަމަށާއި ނިޒާމު ހަމަ ބޭނުންވާއިރަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

އަދާލަތު ޕާޓީން ބުނަނީ އެޕާޓީންވެސް އެފަދަ ނިންމުމެއް ނުނިންމާ ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރުމަށްވުރެ ރައްޔިތުންނަށް ބޭނުންތެރި ކަންކަން ކުރަން އެބަހުރި ކަމަށާއި ނަމަވެސް ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާގެ މޭޒަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. . އެންމެ ފަހުން އުފެދުނު އެމްއެންޕީންވެސް އެފަދަ ކަމަކަށް އެއްބަސް ނުވާކަމަށް އެޕާޓީގެ ނައިބު ރައީސްވަނީ ވިދާޅުވެފަ އެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީއަށް ބަދަލުކުރުމުގެ ވާހަކައަކީ ރައީސް ނަޝީދު އަބަދުވެސް ދައްކަވަމުން ގެންދަވާ ވާހަކައެކެވެ. އެގޮތުން ބޮމުގެ ހަމަލާއަށްފަހު ގިނަދުވަސްތަކެއް ވަންދެން ބޭރުގައި ހުންނަވާފައި މާލެވަޑައިގެން ރައީސް ނަޝީދުވަނީ ރައީސް ސާލިހާއި ބައްދަލުކުރައްވާ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް އޭގެ ކުރިން ރައީސް ނަޝީދުވަނީ ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއްވެސް ރައްދު ކުރައްވާފަ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސްވަނީ ދެބައިވެފަ އެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށް މަޖިލީހުގެ ތަޅުމުގައިވެސް ފާޅުގައި ވާހަކަ ދައްކަވާ ބޭފުޅުުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކެމްޕެއިންގެ ތެރޭގައިވެސް ބަރުލަމާނީގެ ފޯރި ވަރަށްބޮޑަށް ގަދަވެގެން ދިޔަ އެވެ. އަދި ބަރުލަމާނީ އަށް ނިޒާމު ބަދަލުކުރުމަށް ރައީސް ނަޝީދުގެ ފެކްޝަނުން ދަނީ ޕެޓިޝަނެއްގައިވެސް ސޮއިކުރުވަމުންނެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.