ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ސްކޮލާޝިޕް ފަންޑް" މިއަދު ތައާރަފްކޮށްފި އެވެ.

މިއީ އަންނަ އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. މިގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިއަދު ތައާރަފް ކުރި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިން އަދި ފައިނޭންސްގެ ދާއިރާއިން ތިން ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލި ފަންޑެއް ކަމަށް ބީއެމްއެލް އިިން ބުންޏެވެ.

އެ ސްކޮލާޝިޕް ލޯންޗްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށެވެ.

"މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ވަނީ ނިންމާފަ. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް،" ސީއީއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ އިއުލާން ކުރީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް ކަމަށެވެ އަދި މި ހަރަކާތުގެ ތެރެއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އެ ބޭންކުން ފަހުރުވެރިވާކަމެއް ކަމަށް ވެސް ސީއީއޯ ޓިމް ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ އެ ބޭންކުން މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް މަރުހަބާ ކިޔާ ކަމަށެވެ.

"ކޮޕް ސަމިޓްގައި މަޝްވަރާކުރުވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަޅުގަނޑުމެން އިސްކަންދޭނަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނިގޮތުގައި ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރާނެ ކަމަށެވެ.