ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖެހިއްޖެ އެވެ.

މިކަން ހާމަކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި އެގައުމުގެ ފޮރިން މިނިސްޓަރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މިއާއެކު ދެގައުމުގެ މެދުގައި ސަގާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެންދާނެ ކަމަށެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ޤައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.