ފަންކާ ޑިމަރެއްގައި ރޯވެ، ފުވައްމުލަކު ގެއެއްގެ ކޮޓަރިއެއް އަނދައި ހުލިވެއްޖެ އެވެ.

އެމްއެންޑީއެފް ބުނީ ފުވައްމުލަކު ހޯދަނޑު، ވަނަވަރު ކިޔާ ގޭގެ ކޮޓަރިއެއްގައި ރޯވީ ފަންކާ ޑިމަރެއްގައި ރޯވެގެން ކަމަށެވެ.

އެ އަލިފާނުގެ ހާދިސާ ހިނގައިގެން މިއަދު ހެނދުނު 10:43 ގައި އެމްއެންޑީއެފް ސަދަން ކޮމާންޑްގެ ފުވައްމުލަކު ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ، 10:55 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސިފައިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ފުވައްމުލަކު ހޯދަޑު އަވަށު "ވަނަވަރު" ކިޔާ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ އަނދާފައި. ފޮޓޯ: އެމްއެންޑީއެފް

އެ ހާދިސާ ހިނގިއިރު އެ ގޭގައި ދިރިއުޅެނީ ބިދޭސީ ޓީޗަރުންތަކެކެވެ.

އެ ގެއިން ވާހަކަދެއްކި މީހަކު ބުނީ އެ ކޮޓަރީގައި އަލިފާން ރޯވި ކަމަށް އެނގިފައި ވަނީ ކަރަންޓަށް ޖަހާފައި ހުރި ލެޕްޓޮޕް ޗާޖަރެއްގައި ރޯވެގެން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެހެން އެއްވެސް ކޮޓަރިއަކަށް ގެއްލުމެއް ނުލިބޭ. އެ ކޮޓަރީގައި ހުރި ހުރިހާ އެއް ވަނީ އަނދައި ހުލިވެފައި،" އެ މީހާ ބުންޏެވެ.

ފުވައްމުލަކު ހޯދަޑު އަވަށު "ވަނަވަރު" ކިޔާ ގެއެއްގެ ކޮޓަރިއެއްގައި ރޯވެ އަނދާފައި. ފޮޓޯ: އެމްއެންޑީއެފް

ހަތަރު ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ އެ ގޭގެ ރޯވި ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.