ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ކޮންމެ އަހަރަކު ދެވޭ "ގޯލްޑް 100" އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެއްޖެ އެވެ.

"ގޯލްޑް 100"އަކީ ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާ ބެހޭގޮތުން އަހަރަކު އެއްފަހަރު ޝާއިއުކުރާ ލިސްޓެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނިގޮތުގައި ރާއްޖެއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާ އެއް ގައުމަށްވުމާއެކު، އެ ބޭންކުން ވަނީ ވީހާ ވެސް އަވަހަށް ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ނެގެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން ބޭންކުން ވަނީ ފަތުރުވެރިކަމުގެ ސިނާޔަތައް ހާއްސަކޮށް ޝޯޓް- ޓާމް ފައިނޭންސިން ތައާރަފްކޮށް، ބޭންކުން ދޫކޮށްފައިވާ ހުރިހާ ލޯނާއި ފައިނޭންސިންތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދީފައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ވަނީ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ލޯނާއި ފައިނޭންސް ވެސް ބީއެމްއެލް އިން ދޫކޮށްފައިވެ އެވެ. އަދި ރާއްޖޭގެ އިގްސާދާއި ވިޔަފާރިތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ރާއްޖޭން ބޭރުގެ މާލީ އިދާރާތަކާއި ސަރުކާރާ ގުޅިގެން ފަންޑިން ވެސް އެ ބޭންކުން ހޯދާފައިވެ އެވެ.

ބީއެމްއެލް އިން ވަނީ ރާއްޖޭގެ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިވޭތުވެދިޔަ 2020 ވަނަ އަހަރު ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.

ކްރޮސްރޯޑްގައި ރޭ ބޭއްވި ގާލާ އިވެންޓުގައި ރާއްޖޭގެ ކުރިއަރާފައިވާ 100 ވިޔަފާރިތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ވެސް ވަނީ ހިމެނިފަ އެވެ.

ބޭންކުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން "ކޯޕަރޭޓް މޯލްޑިވްސް" އާ ގުޅިގެން މި އެވޯޑް ދިނުމަށް އެހީތެރިވަމުންނެވެ.