އުމުރުން ފަސް އަހަރުގެ ސަދާ ސައުދުﷲ މަރުވި މައްސަލައިގައި ފުވައްމުލަކު ހޮސްޕިޓަލުގެ ބޮޑު އިހުމާލެއް އޮތްކަމަށް ފެންނާތީ ސިއްހީ ހިދުމަތްތެރިންނަށް ފިޔަވަޅު އެޅުމަށް ދެ ކައުންސިލަކަށް ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

އެ ކުއްޖާގެ ބައްޕަ ސައުދުﷲ އަހުމަދަށް ފޮނުވި ސިޓީއެއްގައި އެ މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ ރިވިއުއެއް ހަދާފައިވާ ކަމަށެވެ. އަދި އެ ރިވިއުއިން ފާހަގަކުރެވުނު 21 ކަމެއް އެ ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތްތެރިންގެ މައްސަލަތަކެއް ފާހަގަކުރެވޭތީ މޯލްޑިވްސް މެޑިކަލް ކައުންސިލާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލަށް ފިޔަވަޅު އެޅުމަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަދާއަށް ފަރުވާދިން ކުޑަކުދިންގެ ބަލީގެ ޑޮކްޓަރާއި މެޑިކަލް އޮފިސަރު އަދި ނަރުހުން ހިމެނެ އެވެ.

"ސިއްހީ ކަންކަން ރަނގަޅުކުރުމަށް މި ފަދައިން ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލާ ސިއްހީ ހިދުމަތްދޭ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް މި މިނިސްޓްރީން އަބަދު ވެސް ކުރާނެ ވާހަކަ އާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މި މިނިސްޓްރީން މަސައްކަތްކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" ސިޓީގައިވެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ޖެހި އިންޖެކްޝަނާ ގުޅިގެން މަރުވި ސަދާ

ރިވިއުއިން ފާހަގަކުރެވުނު ބައެއް ކަންތައްތައް:

  1. ސަދާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން އެ ކުއްޖާގެ މެޑިކަލް ހިސްޓްރީ ރަނގަޅަށް ބަލާފައި ނުވުމާއި ރަނގަޅަށް އެގްޒަމިން ކޮށްފައި ނުވުން. އެ ކަމުގެ ސަބަބުން އެ ކުއްޖާގެ އަސްލު ބަލި ދެނެގަނެވިފައި ނުވުން.
  2. ކުއްޖާ އިމަޖެންސީ ރޫމަށް ގެންދިޔަ ވަގުތު ކޮންމެހެން ބަލަންޖެހޭ ކަންކަން ބަލާފައިނުވުން.
  3. ސަދާ ސީރިއަސް ހާލަތުގައި އޮތް ނަމަވެސް މެޑިކަލް އޮފިސަރު ބޭސް ދީފައިވަނީ ކުއްޖާ ނުބަލައި. އެކަމަކު އޭގެ އެއް ދުވަސް ފަހުން އެ ޑޮކްޓަރު ވިނަވި ޕޯޓަލަށް ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ އެ ކުއްޖާ އެގްޒަމިން ކުރި ކަމަށް އަދި ދޮގު މައުލޫމާތު ހުށަހަޅާފައިވޭ.
  4. އެ ކޭސް ބަލަންޖެހޭ ވޯޑު ޑިއުޓީގައި ހުރި ޑޮކްޓަރަށް އޭގެ މައުލޫމާތު ނޭނގޭއިރު އެހެން ޑޮކްޓަރަކަށް މައްސަލަ ހަވާލުކޮށްފައިނުވުން.
  5. ހަރުދަނާގޮތެއްގައި ލިޔުންތައް ބަލަހައްޓާފައި ނުވުން.

ސައުދުﷲ ބުނީ އޭނާގެ ދަރިފުޅު މަރުވީ އެ ދުވަހު ޑޮކްޓަރަށް ދައްކައި ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ކަމަށެވެ. އަދި އެ މައްސަލައިގެ އިންސާފު ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.