މަސް ދޯންޏަކަށް ތޫނު ހަތިޔާރާއެކު އަރައި އެ ދޯނީގައި ތިބި މީހުންނަށް ބިރުދެއްކި މައްސަލައާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފި އެވެ.

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން ބަޔަކު އަރައި ބިރުދައްކާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވިއްކި ދޯންޏެކެވެ. ނަމަވެސް އެ ދޯންޏަށް އެ މީހުން އެރީ އެ ދޯނީގެ އަގަށްވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކަމުން ނުދާތީ، އެ ދޯނީގެ ވެރިފަރާތުގެ ބެލުމުގެ ދަށަށް ދޯނި ގެންދިޔުމުގެ ގޮތުންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ރެއިން ފެށިގެން މިއަދުގެ މެންދުރާ ހަމަޔަށް ހަތް މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި މިހާތަނަށް 16 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން ނުވަ މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދޯނި ދުއްވި މީހުން ބުނެފައި ވަނީ އެކަމުގެ ސަބަބުން އެ މީހުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އަދި ދޯންޏަށް އެރި މީހުން ގެންގުޅުނު ތޫނު އެއްޗިހި ދޯނީގައި ބައިތިއްބާފައި ވަނިކޮށް ފުލުހުން ވަނީ އެތަކެތި ގެންގޮސްފަ އެވެ.