ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓްތަކަކީ އެއްވެސް ޕްލޭނެއް ނެތި ހަދާފައިވާ ތަނެއް ކަމަށާއި އެ ފްލެޓްތައް ތަޅާލަން ވެސް ވިސްނި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ސުވާލުކުރެއްވީ ހިޔާ ފްލެޓްތަކުގެ އެއް ބެޑްރޫމް އެޕާޓްމަންޓްތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ޝިޔާމަށް އެއް ބެޑްރޫމް ފްލެޓްތައް ފެނުނު ކަމަށާއި ވަޒީރަށް ފެނިވަޑައިގެންފިތޯ ސުވާލު ކުރެއްވި އެވެ. އަދި ހިޔާ ފްލެޓަކަށް މީހުން ވަންނަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަން ކުށުގެ ވެއްޓަކަށް ވެގެން ހިނގައްޖެ ކަމަށާއި އަދި އެތަން ބެލެހެއްޓުމުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަޒީރަށް އަމާޒު ކުރައްވާ އެދި ވަޑައިގަތީ އެ ކަންކަމާ ޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކޮށް ދެއްވުމަށެވެ.

ޖަވާބުގައި އަސްލަމް ވިދާޅުވީ، އޭނާއަށް އެއް ބެޑްރޫމްގެ ފްލެޓްތައް ނުފެނިގެން ނޫޅުއްވާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަން ކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫއެއް ކަމަށާއި އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް މިއަދު ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ފަންސަވީސް ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން ފުރަތަމަ އެޅި އެޅުން އެއީ ހަމަ ގޯސް ޕްލޭނެއް. އައްޑޫ ސިޓީގެ އާބާދީއަށް ވުރެ ބޮޑު އާބާދީއެއް ކުޑަކުޑަ ތަންކޮޅަކަށް ޖަމާކޮށްފައި، ބާއްވަން އެ ޕްލޭން ކުރުން އެއީ ފުރަތަމަ ގޯސް ނިންމުމެއް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ފަށައިފައިވާއިރު، މި ސަރުކާރު އައިރު އެ މަސައްކަތް އޮތީ ނުހުއްޓުވޭނެ ހިސާބަށް ގޮސްފައި ކަމަށެވެ. އެހެން ނަމަވެސް އެތަން ތަޅާލަން ވިސްނި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވިސްނިން ތަޅާލަން ވެސް، އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރު ވެސް ދެންނެވިން މި ހަދަނީ ކޮތަރު ކޮށްޓެކޭ. އެ ވާހަކަ ދައްކަން ފެށީމާ އަޅުގަނޑާ ދިމާލަށް ހެއްދެވީ ނުހެއްދެވިއަށް ގޮވި. ތިޔަ ހެވޭ ކޮތަރު ކޮށްޓަކަށް ވިޔަސް ތިމަންނަ މެންނަށް ދޭށޭ ތިތަން. އެހެރީ ދީފަ. ދިނީމަ ދިމާވާ މައްސަލައިގެ ވާހަކަ ތި ދައްކަވަނީ ތި ތަނުގަ ޑްރަގުގެ މައްސަލައާ. އެހާ ކުޑަކުޑަތަނަކަށް އެހާ ގިނަ މީހުން އެއްކޮށްލީމަ ވާނެގޮތުގެ ވާހަކަ ތި ދައްކަވަނީ،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓުތަށް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ވިދާޅުވެ، މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުން އެތަނަށް ވަދެ، ވިޔާނުދާ ކަންކަން ކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެ ނޫން ގޮތެއް އެތާނގައި ނުހެދޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.