ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތައް ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕްކުރުމަށް ހުއްދަދިނުމަށް އެދި ހުށައެޅި މައްސަލައިގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަސްމަގު ބަދައްލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވާ ބައެއް ކަންތައްތަކުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިނިވަންކަމަށް ވަދެވޭ ކަމަށެވެ. އަދި ދަރަންޏަށް ނަގާ ފައިސާ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލުކޮށް އިންޓްރެސްޓް ރޭޓްވެސް ވަކި ވަަަރަކަށް ކަނޑައަޅަން ހިމަނާފައި އޮތުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"މި ތަފްސީލަކީ މަރުކަޒީ ބޭންކުގެ މިނިވަންކަމަށް އަރައިގަނެވޭ ތަފްސީލުގެ ގޮތުގައި ފާހަގަކުރެވޭނެ. ހާއްސަކޮށް ބައިނަލްއަގުވާމީ މާލީ އިދާރާތަކަަށް އެބާވަތުގެ ކަންކަން ފާހަގަކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެކަމާމެދު މާލިއްޔަތު ކޮމިޓީގެ މުގައްރިރާއެކު ކުރެވުނު މަޝްވަރާގައި ވޯޓަށް އެހުމުގެ ކުރީގައި ރިޕޯޓްގެ ޖުމްލަތަކަށް ނުވަތަ ބަސްތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން އެއީ ލަފައެއް ކަމަށް ރިޕޯޓުގައި ހިމެނުމަށް މުގައްރިރު އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުމަށް ސަރުކާރަށް ދީފައިވާ މުއްދަތު 2023 އަށް އިތުރުކޮށް ފައިސާ ޗާޕުކުރުމަށް އެމްޑީޕީގެ މެމްބަރުންވަނީ ތާއީދުކޮށްފަ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރުމަށް ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށެވެ. އެކަންކޮށްގެން ނިކުންނާނެ ގޯސް ނަތީޖާއަށް ވުރެ ރަނގަޅު ނަތީޖާ ފެންނަ ކަމަށެވެ.