ކުޅިވަރާއި މިއުޒިކްގެ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ތަރަބޫޒޫގޭ އަހުމަދު ރިޒާ (ތަރުބޫޒު ރިޒާ) މިއަދު ނިޔާވެއްޖެ އެވެ.

އުމުރުން 67 އަހަރުގައި ރިޒާ ނިޔާވެފައި ވަނީ ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ފަހުންނެވެ.

ރިޒާ ނިޔާވެފައި ވަނީ ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސް، އެ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ލަވަކިޔުމާއި ބެރު ޖެހުމުގައި މަޝްހޫރު ފަންނާނު، ރިޒާ ވަނީ މީގެ ކުރިން އޭނާގެ އަމިއްލަ ގޭގައި މިއުޒިކް ސްޓޫޑިއޯއެއް ހަދައި އެތަނުގެ ލަވަ ރެކޯޑްކޮށް އަލްބަމް ނެރެފަ އެވެ. އެ ސްޓޫޑިއޯއަކީ އޭރު ވަރަށް ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ވެސް ބޭނުންކުރި ތަނެކެވެ.

މިޔުޒިކް ސްޓޫޑިއޯތައް މާލޭގައި މާބޮޑަށް ނެތުމުން، ރިޒާގެ އެހީތެރިކަން އޭރުގެ ފަންނާނުން ވަރަށް ބޮޑަށް ހޯދާފައިވެ އެވެ.

ރިޒާއަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުގައި ރޮނގު ބެލެހެއްޓި ލައިންސްމަނެކެވެ. އަދި ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ މެޗުތަކާއި އަތޮޅު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ވެސް އޭނާ ކުރި އެވެ.

މީގެ އިތުރުން ރިޒާ ވަނީ ގައުމީ ފެންވަރުގައި ފުޓްބޯޅަ އާއި ހޮކީ ވެސް ކުޅެފަ އެވެ. ރިޒާ އަކީ 1968، 1969 އަދި 1970 ގައި ހޮކީ ތަށި މިލްކުކުރި ރޭޑިއަންޓް ކްލަބުގެ ކުޅުންތެރިއެއް ވެސް މެ އެވެ.

ރިޒާގެ ހަ ކުދިން ދުނިޔޭގައި ތިބި އިރު، އެއީ ހަތަރު އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.