ސަައުތް އެފްރިކާއިން ކޯވިޑްގެ އާ ވޭރިއަންޓް "އޮމްކްރޯން" ފެނުމާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތައް އެޗްޕީއޭއިން ހާމަކޮށްފި އެވެ. މި ފިޔަވަޅުތައް އަޅަން ފަށާނީ މިރޭ ގެ 12:00 އިން ފެށިގެން ނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުންވަނީ މަނާކޮށްފަ އެވެ. އެ ގައުމުތަކަކީ ސައުތު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަޓީރީން އެވެ. މިގައުމުތަކުން ދިވެހިރާއްޖެއަށް މީހުން (ދިވެހިން އަދި ވޯކްޕާމިޓް ނުހިމެނޭގޮތަށް) އެތެރެވުން ހުއްޓާލުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުތުން، ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އެ ހަތް ޤައުމަށް ދަތުުރުކޮށްފައިވާ ފަރާތްތަކަށާއި 12 ގަޑިއިރަށްވުރެ ގިނައިރު އެ ޤައުމުތަކުގައި ޓްރާންސިޓް ވެފައިވާ ފަރާތްތަކަށްވެސް ރާއްޖެވަނީ ބަންދުކޮށްފަ އެވެ.

ދިވެހިރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން މި 7 ގައުމުގައި އުޅެފައިވާ (12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓްވެފައި އަންނަ މީހުން ހިމެނޭގޮތަށް) ރާއްޖެ އަންނަ ދިވެހިންނާއި ވާކްވިސާގައި އަންނަމީހުން ރާއްޖެ އައުމަށްފަހު 14 (ސާދަ) ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭ ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ ކުރެވޭނީ 14 ދުވަސް ހަމަވުމުން ކޮވިޑު-19 އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.

މިފިޔަވަޅުތަކަށް އަމަލު ކުރަންފަށާއިރު ދިވެހިރާއްޖެއަށް ދަތުރު ފަށާފައިވާ ފަރާތްތަކުންނާއި، ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި މި ގައުމުތަކުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ މީހުން ވަގުތުން ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ ކަމަށާއި 14 ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގައި ހޭދަކުރާ މީހުން، 14 ދުވަސް ފުރިހަމަ ވުމުން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހަދަންޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ. އަދި ރާއްޖޭގައި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ ފަރާތްތަކުން ރާއްޖޭން ފުރުމުގެ ކުރިން އިތުރު ޕީ.ސީ.އާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑްގެ އާ ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ދަނީ ބަންދުކުރަމުންނެވެ. "އޮމްކްރޯން" އަކީ ކޯވިޑްގެ އެހެން ވައްތަރުތަކަށް ވުރެ ހަލުވިކޮށް ފެތުރޭ އަދި އަވަހަށް މިއުޓޭޓްވާ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވަނީ ހާމަކޮށްފަ އެވެ.