ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ޕްރޮސެކިއުޓަ ޖެނެރަލް ދައުވާ ކުރަން ފޮނުވިތާ 5 ދުވަސް ވީއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދިވެސް އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.

އޭނާއާމެދު ފިޔަވަޅު އަޅާނެ ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރި އެވެ. ކޮރަޕްޝަންގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނިކޮށްވެސް މަހުލޫފް ގެންދަވަނީ އޮފީހަށް ނުކުންނަވާ ވަޒީރު ކަމުގެ ރަސްމީ ޒިންމާ އަދާކުރައްވަމުންނެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި ދައުވާކުރަން ޕީޖީ އޮފީހުން ކުރިމިނަލް ކޯޓަށް ފޮނުވީ މި މަހުގެ 24 ވަނަ ދުވަހުގައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަގާމުގައި ހުންނަވައިގެން ވަކި ގޮތަަކަށް ވޯޓު ދެއްވުމަށް ރިޝްވަރުގެ ގޮތުގައި 30،000 އެމެރިކާ ޑޮލަރު ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ އަތްޕުޅުން ހޯއްދެވި ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ފަހު މަހްލޫފާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޖޫން މަހު، އޭނާ ވަޒީރުކަމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ. އެއަށްފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވިތާ ހަތަރު މަސް ދުވަސް ވީއިރު ވެސް، އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީ އެވެ.

މީގެ ކުރިންވެސް ވަޒީރުންނާމެދު މިފަދަ މައްސަލަތައް ފެންމަތިވުމުން ރައީސް ސާލިހު އަމަލުކުރައްވާފައިވާ ގޮތުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވެއެވެ. ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކުރި ރިޕޯޓުގައި ހުރި ކަންކަން ތަހުގީގުކޮށް ނިމެންދެން މަޤާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް ދުރަށް ޖެހިވަޑައިގެންނެވީ ވެސް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހު އެއްވެސް ފިޔަވަޅެއް އަމީންއަކަށް ވެސް ނާޅުއްވަ އެވެ. އޭގެ އެތައް ދުވަހެއް ފަހުން ކުރިމަތިވި ޕްރެޝަރާ ހެދި އަމީން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވުމުން ރައީސް ސާލިހު ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް އަންގަވާފަ އެވެ. އަދި އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކި ކުރެއްވީ އެ މައްސަލައިގެ ތަހްގީގު ވެސް ނުފެށެނީހެވެ.

ނަމަވެސް މަހްލޫފްގެ މައްސަލައިގައި އަދި އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާތީ ގިނަ ބަޔަކު ދަނީ އެކަމާ ފާޑު ކިޔަމުންނެވެ. ރައީސް ސޯލިހު ވިދާޅުވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމުގަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މަހުލޫފަށް ފިޔަވަޅު އަޅުއްވަން ރައީސް ސޯލިހު ވަނީ ފަހަތު ފަޔަށް ބުރަވެފަ އެވެ.