ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މަސައްކަތް ނިންމާ މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު މިރޭ ނިންމަވައިލައްވަމުން މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ދައުރުގައި އެ މަޖިލީހުން ކުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ. އެގޮތުން މިދައުރުގައި އެ މަޖިލީހުން 65.5 އިންސައްތަ މަސައްކަތް ނިންމަވާ ލައްވާފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ދައުރުގެ ތެރޭގައި ބޭއްވުނު 44 ޖަލްސާގައި މަޖިލިސް މެމްބަރުން ތަޅުމުގައި 112 ގަޑިއިރު ހޭދަ ކުރައްވާފައިވާ ކަމަށެވެ. އަދި ބޭއްވުނު 320 ކޮމިޓީ ބައްދަލުވުމުގައި 331 ގަޑިއިރު މެމްބަރުން ހޭދަ ކުރައްވާފައިވާ ކަމަށެވެ.

ޖަލްސާތަކުގައި މެންބަރުން 950 ފަހަރު ވާހަކަ ދައްކަވާފައިވާ ކަަމަށް ވެސް ވިދާޅުވި އެވެ.

މި ދައުރުގެ ތެރޭގައި ކޮމެޓީތަކުގެ 320 ބައްދަލުވުމެއް ބާއްވާފައިވެ އެވެ. ކޮމެޓީ ބައްދަލުވުމުގައި 331 ގަޑިއިރު ވަނީ ހޭދަކޮށްފަ އެވެ. މި ދައުރު ޖުމްލަ 20 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ދައުރު ފެށިއިރު ކުރީ ދައުރުން ނުވަ ބިލް އަދި މި ދައުރުގައި ހުށައެޅުނު 32 ބިލާއެކު 41 ބިލެއްްގެ މަސައްކަތް އޮތް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހަތަރު ގަރާރެއްގެ މަސައްކަތް ނިންމި ނަމަވެސް އަދިވެސް 10 ގަރާރެއްގެ މަސައްކަތް ނުނިމި އެބައޮތް ކަމަށާއި ސަރުކާރުން ހުށައެޅި ހަތް މައްސަލައަކާއި ރިޔާސަތުން ހުށައެޅި ދެ މައްސަލައެއް އަދި މެންބަރުން ހުށައެޅި 13 މައްސަލައެއްގެ ތެރެއިން ނުވަ މައްސަލައެއް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ދައުރުގައި 32 ވަޒީރަކާއި ސުވާލުކޮށްފައިވާއިރު ހަތް ވަޒީރަކާއި ސުވާލު ނުކުރެވިވެ އެވެ. ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ބާވަތަކުން ބަލާނަމަ 95 މައްސަލައެއް މި ދައުރުގައި ނިންމާފައިވާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރު އެވެ. މަޖިލިސްގެ ޖަލްސާތައް ފަށާނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފެބުރުއަރީ މަހު ބާއްވާ ރިޔާސީ ބަޔާން އިސްވާ ޖަލްސާއިންނެވެ.