ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް މިއަދުން ފެށިގެން ރިސެސްއަށް ހިނގައްޖެ އެވެ.

ކޯޓުތަކުގެ ގާނޫނޫގެ ހަތްވަނަ މާއްދާގެ ދަށުން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން، ވިދިގެން އަންނަ އަހަރު ޖެނުއަރީމަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓް އޮންނާނީ ރިސެސްގަ އެވެ.

ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ ވަގުތުގައި ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި މެނުވީ ސުޕްރީމް ކޯޓްގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާނެ އެވެ. އެހެން ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެ އެވެ.

ކޯޓްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން، ސުޕްރީމް ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވިދާނެ އެވެ. އަދި ގާނޫނުން ވަކި މުއްދަތަކަށް ނިންމަންޖެހޭ ކަމެއް އޮވެއްޖެނަމަ އެމުއްދަތުގައި އަޑުއެހުންތައް ބޭއްވުމަށް ގާނޫނު ލާޒިމުކުރެ އެވެ.

މީގެ އިތުރުން ރިސެސް މުއްދަތުގެ ތެރޭގައި ކުށްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފިނަމަ ސުޕްރީމްކޯޓްގެ ރިސެސްގެ މުއްދަތު ނިމުމަކަށް އަންނާނެކަމަށް ކޯޓްތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.