ސިންގަޕޫރު (01 ޑިސެމްބަރު) - ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ރައީސާ ޚާން މަޖިލީހުގައި ދޮގު ހެދިކަން ފަޅާ އަރައި، އާއްމުވުމުން އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުގައި ސެންކަން ދާއިރާ ތަމްސީލުކުރަމުން އަންނަ ރައީސާ ވަނީ އޭނާ މިވަގުތު ހުރި އިދިކޮޅު ވޯކާސް ޕާޓީ (ޑަބްލިއުޕީ) އިން ވެސް އިސްތިއުފާ ދީފަ އެވެ. ސިންގަޕޫރުގެ ގާނޫނު ބުނާ ގޮތުން މަޖިލީހަށް އިންތިހާބުވާއިރު ތަމްސީލުކުރާ ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

އުމުރުން 27 އަހަރުގެ ރައީސާ ވަނީ އަންހެނުން ބާރުވެރިކުރުވުމަށް މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސެއްގައި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މަޖިލީހުގައި ދޮގުހެދި ކަމަށް އިއުތިރާފުވެ އެއްބަސްވެފަ އެވެ. އެގޮތުން ރޭޕްގެ ޝިކާރައަކަށްވި އަންހެނެއްގެ މައްސަލަ ފުލުހުންނަށް ހުށައެޅުމުން އެކަށީގެންވާ އެހީ ލިބިފައި ނުވާ ކަމަށް އޭނާ ބުނިއިރު ހޯމް އެފައާޒް އެންޑް ލޯ މިނިސްޓްރީން އެ މައްސަލައިގެ އިތުރު ތަފްސީލަށް އެދުމުން އޭނާގެ ބަޔާން ވަނީ އެކިފަހަރު މަތިން ބަދަލުކޮށްފަ އެވެ.

ތިން ފަހަރެއްގެ މަތިން މަޖިލީހުގެ ތަޅުމުގައި ދޮގު ހަދާފައިވާތީ ރައީސާއާ ދެކޮޅަށް ހުށައެޅުނު ޝަކުވާއެއް މަޖިލީހުގެ އަޚްލާގީ ކޮމެޓީން ބަލަމުންދާއިރު ރައީސާ ވަނީ ޑަބްލިއުޕީގެ ސެންޓްރަލް އެގްޒެކެޓިވް ކޮމެޓީއާ ބައްދަލުކޮށް އެ ޕާޓީންނާއި އޭނާގެ މަގާމުން އިސްތިއުފާ ދޭން ނިންމި ނިންމުން އެ ޕާޓީގެ ލީޑަރުންނާ ހިއްސާކޮށްފަ އެވެ.

އެއަށްފަހު އިސްތިއުފާ ދިންކަން ރައީސާ އާއްމުކޮށް އިއުލާންކުރީ އޭނާ ކުރި ފޭސްބުކް ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އޭނާ ވަނީ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް އޭނާ ހުށައެޅި ސިޓީ ވެސް އާއްމުކޮށްފަ އެވެ. ޑަބްލިއުޕީން ބުނީ މާދަމާ މިކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ރައީސާ ވަނީ އޭނާގެ ދާއިރާގެ އެންމެހާ ރައްޔިތުންގެ ކިބައިން މައާފަށް އެދި މަޖިލީހުގެ އިތުރުން ޕާޓީން ކުރިއަށް ގެންދާ ތަހުގީގުތަކުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

ރައީސާ މަޖިލީހަށް އިންތިހާބުވީ 2020 ވަނަ އަހަރު ޖުލައި މަހު ބޭއްވުނު އިންތިހާބެއްގައި ސެންކަން ތަމްސީލުކުރާ ހަތަރު މެމްބަރުންގެ ތެރެއިން އެކެއްގެ ގޮތުގަ އެވެ.

ރައީސާގެ އިސްތިއުފާއާއެކު އެ ދާއިރާގެ އެއްގޮނޑި ހުސްވެފައިވީ ނަމަވެސް މިފަދަ ހާލަތެއްގައި އަލުން އިންތިހާބު ބާއްވާކަށް އެ ގައުމުގެ ގާނޫނު ލާޒިމެއްނުކުރެ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް