ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން، ދައުލަތުން އެ މަނިކުފާނަށް ދޭން ޖެހޭ އިނާޔަތްތަކާއި ރައްކާތެރިކަން ދޭން ފަށައިފި އެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ވަގުތުން ފެށިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ނުލިބުމުން އެ މަނިކުފާނުގެ ޕާޓީ އާއި ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސްކަމުގައި ހުންނެވިއިރު ވެސް މަރުގެ ހަމަލާއެއް ކުރިމަތިވި ރައީސް ޔާމީން، ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ގެކޮޅަށް ވަޑައިގެންނެވީ ސިފައިންނާ ނުލައި އަމިއްލަފުޅު ކާރުކޮޅެއްގަ އެވެ. އަދި މަގުމަތީގައި އެތައް ބައެއްގެ ތެރޭގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އެ މަނިކުފާނުގެ ޕާޓީ އާއި ސަޕޯޓަރުންގެ ކަންބޮޑުވުމެކެވެ.

ރައީސް ޔާމީނަށް ސެކިއުރިޓީ އިއްޔެ ހަވީރުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ނުރަސްމީކޮށް އެނގިފައިވީ ނަމަވެސް، އެ މަނިކުފާނަށް ފޯރުކޮށްދެނީ ކޮން ފެންވަރެއްގެ ސެކިއުރިޓީއެއް ކަމެއް އެމްއެންޑީއެފް އިން ސާފުވާ ގޮތެއްނުވި އެވެ.

ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަންވުމާއެކު ނޫސްވެރިން ތަކުރާރުކޮށް އެމްއެންޑީއެފް މީޑިއާ ގްރޫޕުގައި ސުވާލުކުރުމުން މިއަދާ ހަމަޔަށް ވެސް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ޔާމީން އިއްޔެ މިނިވަންވެވަޑައިގެންނެވުމާއެކު އެ މަނިކުފާނަށް ދައުލަތުން ދޭން ޖެހޭ މާލީ އިނާޔަތްތައް މިހާރު ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން މުހައްމަދު "ހުރިހާ"އަށް މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވިއިރު ދައުލަތުގެ ބަޖެޓް ފާސްވެފައިވާތީ އިނާޔަތް ދެނީ ކޮންޓިޖެންސީ ބަޖެޓްގެ ތެރެއިން ކަމަށެވެ.

"ރައީސް ނަޝީދު 2018 ވަނަ އަހަރު މިނިވަންވެވަޑައިގެންނެވިއިރު ވެސް އިނާޔަތް ދިނީ މި އުސޫލްގެ ތެރެއިން. އަދި ރައީސް މައުމޫންނަށް ވެސް އިނާޔަތް ދިނީ އެ އުސޫލުން،" ލަމްއާން ވިދާޅުވި އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ގަ އެވެ.