ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި ކ. ގާފަރު ފަޅާއި ސ. ހަންކެޑެ ކަނޑައަޅައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ގަރާރެއް މިއަދު ނެރުއްވައިފި އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް އިގުތިސާދު ފުޅާކުރަން ސަރުކާރުން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮޖެކްޓެކެވެ.

ރައީސް ސޯލިހު ގަރާރު ނެރުއްވީ ޓޫރިޒަމާބެހޭ ގާނޫނުގައި ޓޫރިސްޓް ރިސޯޓު ހެދުމަށާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ތަރައްގީކުރުމަށާއި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށާއި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުފަޅާއި، އަދި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އާއި ޔޮޓު ބަނދަރު ހަދާނެ ތަންތަނާއި، ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ އެނޫން ވެސް ތަންތަނާއި ސަރަހައްދުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންކޮށްފައިވާތީ އެވެ.

ޓޫރިޒަމާބެހޭ ގާނޫނުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގުމަށްޓަކައި އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު، ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައިފައި އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ އާއި ގާފަރުފަޅު ކަނޑައަޅުވާފައިވާއިރު، ސަރުކާރުން ވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމުން ދައުލަތަށް އާމްދަނީ ހޯދުން ހިމެނެނީ އާމްދަނީ އިތުރުކުރުމަށް ހުޅަހަޅާ އައު ކަންތައްތަކުގެ ތެރޭގަ އެވެ.