އިޒްރޭލުގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓްގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގެންނެވުމާއެކު ފާޑުކިއުންތައް އަމާޒުވެ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ކޮވިޑްގެ އާ ވޭރިއަންޓްގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުތަކުން ދުރުހެލިވުމަށް އިޒްރޭލުގެ ލީޑަރު ރައްޔިތުންނަށް އިލްތިމާސް ކުރެއްވިތާ ދުވަސްކޮޅެއް ފަހުން، ބޮޑުވަޒީރު ނަފްޓަލީ ބެނެޓްގެ އަނބިކަނބަލުންނާއި ދަރިން ގައުމުން ބޭރަށް ވަޑައިގެންނެވުމުން އެ ގައުމުގެ އާއްމުން ފާޑުކިޔަމުންދާ ކަމަށް ދުނިޔޭގެ ވަރަށް ގިނަ ނޫސްތަކުގައި ބުނެފައިވެ އެވެ.
އަމިއްލައަށް ކަނޑައެޅުއްވި އުސޫލުތަކަށް ތަބާނުވެ ބޮޑުވަޒީރު އިއްޔެ ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގަތުމުން އެ ގައުމުގެ ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންދާ ކަމަށް ނޫސްތަކުގައި ބުނެފައިވެ އެވެ.
އިޒްރޭލުން ވަނީ އޯމައިކްރޯން ވޭރިއަންޓަށް ރިއާޔަތްކޮށް ދަތުރުފަތުރުކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން އިޒްރޭލުން ވަނީ އެ ގައުމުގެ ބޯޑަރު ބަންދުކޮށް އެފްރިކާގެ ގިނަ ގައުމުތަކަށް ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި ކަމަށްވެ އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އޭނާ ހުންނެވި ރިސޯޓެއް ހާމައެއް ނުކުރެ އެވެ.
މީގެ ކުރިން އިޒްރޭލުގެ ބޮޑުވަޒީރަކު ރާއްޖެއަށް ޗުއްޓީ ހޭދަކުރެއްވުމަށް ވަޑައިގެންނެވި ކަމެއް އެނގިފައެއް ނުވެ އެވެ.
ރާއްޖެއިން ކުރިން ވަނީ އިޒްރޭލް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އެވެ. ނަމަވެސް އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނީ އަމަލުތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އިން ވަނީ އިޒްރޭލާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލައި އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކޮށްފަ އެވެ. އެކަމަކު އިޒްރޭލް މީހުންނަށް ޓޫރިސްޓުންގެ ގޮތުގައި ރާއްޖެ އައުމުގެ ހުއްދަ އޮވެ އެވެ.
ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ސަރުކާރު ނިމުމަކަށް ގެނައުމަށް ފަހު ބެނެޓް ބޮޑުވަޒީރު ކަމަށް މިއަހަރު ކުރީކޮޅު ވަޑައިގަތީ ކޯލިޝަން ސަރުކާރެއްގެ ތެރެއިން ހަނި އަޣުލަބިއްޔަތަކުންނެވެ.