ރާއްޖޭގެ އެންމެ ބޮޑު ބޭންކް. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގައި ދިމާވި މައްސަލަތައް ހައްލު ވެފައިވާ ކަމަށް ސީއީއޯ ޓިމް ސޯޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ހިދުމަތްތަކާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ޓިމް ވިދާޅުވީ ބީއެމްއެލްގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށާއި ބޭންކުގެ ހިދުމަތްތައް ދެން މެދު ނުކެނޑޭނެ ކަމަށެވެ.

ޓިމް ވަނީ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި ހިދުމަތްތައް މެދުކެނޑުނު ވަގުތު ޓްރާންސެކްޝަންތަކުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ނަމަ އެކަން އިންޓަނެޓް ބޭންކިންގެ ޒަރީއާއިން ނުވަތަ މޯބައިލް ބޭންކިން އެޕުން މެސެޖު ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ނޮވެމްބަރު 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިން ސިސްޓަމް ޓެކްނިކަލް އަޕްގްރޭޑިންގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލެވުނު. އެކަމަކު އަޕްގްރޭޑުގެ މަސައްކަތަށް ފަހު ދިމާވި މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން ހިދުމަތްތައް މެދުކެނޑުނު. މިހާރު ހުރިހާ ސިސްޓަމެއް ވެސް ސްޓޭބަލްވެފައި ވަނީ. އަދި އަޅުގަނޑުމެންގެ ސްޓާފުން ދަނީ މޮނިޓަ ކުރަމުން. އަޕްގްރޭޑިންގެ ސަބަބުން ދެން ހިދުމަތް މެދުނުކެނޑޭނެ،" އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ ސިސްޓަމަށް މައްސަލަތަކެއް ދިމާވާން މެދުވެރިވި ސަބަބު ބަލަމުން ގެންދާ ކަމަށާއި ރިވިއު ކުރުމަށްފަހު އެކަން ތަކުރާރުވިޔަ ނުދޭން ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި ވެސް މެއިންޓަނެންސްގެ ސަބަބުން ވަކި ވަގުތަކެއްގައި ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިމް ވިދާޅުވީ މެއިންޓަނެންސްގެ މަސައްކަތް ތާވަލު ކުރާނަމަ އެކަން ކަސްޓަމަރުންނަށް ކުރިން އަންގާނެ ކަމަށެވެ.

ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީ އާއި ހިދުމަތްތައް ފުރިހަމަ ކުރުމަށް ދުނިޔޭގެ ހުރިހާ ބޭންކަކުން ވެސް ކުރަމުން އަންނަ ކަމެކެވެ. މި އަޕްގްރޭޑަށް ފަހު ބޭންކުތަކުގައި ބައެއް ފަހަރު މައްސަލަތައް ދިމާވާ ކަމަށް ވެސް ސީއީއޯ ވިދާޅުވި އެވެ.