ރ. ފުށްގިރި ދޫކުރި މުއާމަލާތާ ގުޅިގެން ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައިދޭން އެދުނުއިރު އެމަނިކުފާނު ފިއްލަވައިފާނެ ކަމުގެ އެކަށީގެންވާ ހެއްކެއް ދައުލަތެއް ނުދެއްކުނެވެ.

އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި ދައުލަތުން މިއަދު އެދުމުން، އެއީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީނަށް ކުރި ފަސް އަހަރުގެ ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރި ދުވަހު ވަނީ އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރަކަށް އެދިފަ އެވެ. އެ ފަހަރު ދިން ހަތް ދުވަހުގެ އަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމާ ބެހޭގޮތުން ވާހަކަ ދެއްކި އިރު ޔާމީން ވިދާޅުވީ ފިއްލެވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ފުލުހުން އެ ކުރާ ތުހުމަތު އެނގެން ބޭނުންވާ ކަމަށެވެ.

ފުރުން މަނާކުރުމުގެ އަމުރެއް ނެރެން ފުރިހަމަވާން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ދައުލަތުން މިއަދު ބުނީ އެފަދަ އަމުރެއް ނެރެވޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ހުރެގެން ކަމަށެވެ. މި މައްސަލައިގައި ދައުވާ ފޯމާ އެކު އެ މިންވަރަށް ހެކި ހުށަހެޅިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މީހަކު ރާއްޖެއިން ބޭރަށް ދާން އުޅޭ ކަމަށް ބެލެވޭ ހެކި ލިބިފައި ހުރުމަކީ ވެސް ޕާސްޕޯޓް ހިފެހެއްޓުމުގައި ބަލާ ކަމެކެވެ. މިކަމާ ބެހޭ ގޮތުން ދައުލަތުން ބުނީ، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލައެއްގައި، މިފަދަ އަމުރު ނެރޭއިރު އެކުގައި ކުށްކުރި މީހުން ފިލައިގެން ގޮސްފައިވުމަށް ވެސް ބަލަން ޖެހޭނެ ކަމަށެވެ. މިކަމާ އިޝާރާތްކޮށް ދައުލަތުން ބުނީ މި މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކަށް ވާއިރު، އެ ހިޔާނާތުގައި ބައިވެރިވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރިން ފިއްލެވި ކަމަށެވެ.

ފުރުން މަނާކުރާ މީހާ އަކީ ފިލައިގެން ދިޔުމުގެ މާލީ ގާބިލުކަން އޮތް މީހެއް ކަމަށް ވާން ޖެހޭނެތީ އެކަން ސާބިތުކުރަން ދައުލަތުން ވަނީ ފޯމާ އެކު ޔާމީންގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓުތައް ވެސް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން، އެ މަނިކުފާނަކީ ކުރީގެ ރައީސަކަށް ވާތީ ފިއްލެވުމަށް "ކަނެކްޝަންތައް" ވެސް އޮންނާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެފަދައިން ބުނުމުން ރައީސް ޔާމީން ތެދުވެވަޑައިގެން ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ޚިޔާލެއް ވެސް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރަނީ ބޮޑު ތުހުމަތެއް ކަމަށާއި، އެހެންކަމުން އެ ތުހުމަތުކުރަނީ ކޮން ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަން ބައްލަވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި މައްސަލާގައި ދައުލަތުން ކުރިމިނަލްް ކޯޓަށް ހުށަހެޅި ފޯމު ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ލިބިވަޑައިގަތީ މިއަދު އެވެ. އެހެންކަމުން އެ ފޯމު ދިރާސާކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ރައީސް ޔާމީނުގެ ވަކީލުން އެދިވަޑައިގަތެވެ.

ނަމަވެސް ކޯޓުން މުހުލަތު ދިނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.