2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް އެދި އިންޑިއާއިން ތިން ސިޓީ އޭރު ފޮނުއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިދިކޮޅި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން "ކޮތަރު ކޮށި" ނަމުގައި ކާނިވާ ސަރަހައްދުގައު މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ފެބްރިއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނު ސަބަބުން ވަރަށް ސާފުކޮށް ކިޔައި ދެއްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން އިންޑިއާއިން އެދި ތިން ސިޓީ ފޮނުވި ކަމަށާއި އެސިޓީތަކުގައި ސޮއިކުރައްވާފައި ވަނީ އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ކަމަށެވެ.

ތިން ސިޓީގައި ވެސް އިންޑިއާ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބާރު އަޅުއްވާފައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީ ދާހިލީ ކަންކަމާއި އިންޑިއާ އިން ބެހެމުންދާ ވަރުން ދަންނަވާލަން ޖެހުނު ވާހަކައެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަމާ ގުޅިގެން ތަފުސީލު ދެއްވުމަށް އެކި ވަޒީރުން އަވައްޓެރި ގައުމުތަކަށް ސަފީރުންގެ ގޮތުގައި ފޮނުއްވި ކަމަށެވެ. އަދި އިންޑިއާ ނޫން ގައުމުތަކުން އެ ވަޒީރުންނަށް މަރުހަބާ ކިޔައިފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެއަމުރު ނެރުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރާއްޖޭގެ ހާލަތު އިންޑިއާ އަށް އޮޅުންފިލުވައިދެއްވުމަށް އިންޑިއާ އަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓަރާއި ބައްދަލު ނުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގައި ވަކި ނަސްލެއް ނައްތާލުމަށް މަސައްކަތް ނުކުރާ ކަމަށާއި އިންޑިއާއިން ރާއްޖޭގެ ދާހިލީކަން ކަމާއި ނުބެހެވޭނެ ކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖެއަށް ވުރެން އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.