ރާއްޖެއަށް އެތެެރެވާ ޑްރަގް ބޯޓުތައް ހުއްޓުވާނީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ވިއްކާލާފައި ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ރައީސް ސާލިހަށް ރައްދު ދެއްވައިފި އެވެ.

ސައީދު ރައީސް ސާލިހަށް ރައްދުދެއްވީ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަކީ މަސްދޯނި ފަހަރަށް ވުރެ ޑްރަގް ބޯޓް ފަހަރު ގިނަވާން ދޫކޮށްލުމެއް ނޫން ކަމަށް ވިދާޅުވެ ދެއްކެވި ވާހަަކަފުޅާ ގުޅިގެންނެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އިންޑިއާއަށް ބޮޑުބައެއް ދީގެން ތިބުމަކީ ހައްލެއް ނޫންކަމަށެވެ. ޑްރަގް ބޯޓު ހުއްޓުވަން ކަމަށްބުނެ އިންޑިއާއަށް ދިވެހިންގެ މާކަނޑުގެ ބޮޑުބައެއްދީގެން ތިބުމަކީ މިކަމަށްވެސް އޮތް ހައްލެއް ނޫންކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު އިތުރަށް ވިދާޅުވީ ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ކުރާ ކަންކަމަކީ ކާމިޔާބު ވާނެ ކަމެއްނޫންކަމަށެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ.ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އޮތް ކަނޑުގެ ސަރަހައްދު ބޮޑު ޖަޒީރާ ގައުމެއް ކަމަށާއި މިސަރަހައްދަކީ ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާ، ކާރޫބާރޫގެ ތެރޭން އުފެދެމުންދާ ނުރައްކާތެރި އުދަބާނި، ރާއްޖޭގެ ހުރަހަށާ ދިގަށް ހިނގާ ސަރަހައްދެއްކަމުގަ އެވެ. ދުނިޔޭގެ ބޮޑެތި ޑްރަގު ނެޓްވޯކްތަކާއި، ޓެރަރިޒަމް އާ އެހެނިހެން ވަގުވިޔަފާރިއާ، ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތަށް އިންޑިއާ ކަނޑުގައި އަބަދުގެ އޮންނަ ކަމުގައި ވިދާޅުވި އެވެ. މިކަން ކަމަކީ ޖާގަދީގެން ބަލަންތިބޭ ވަރަށްވުރެ ނުރައްކާތެރި ކަންތައްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސާލިހު އިޝާރާތްކުރައްވާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕެއިން އަށެވެ. ސަރުކާރުން ބުނާގޮތުން އެ ކެންޕެއިނަކީ ޑްރަގް ވިއްކާ މީހުން އަޑީ ތިބެގެން ހިންގާ ކެންޕެއިނެކެވެ.