މެލްބަން (10 ޑިސެމްބަރު) - އޮސްޓްރޭލިއާގެ ސަލާމަތީ ބާރުތަކަށް މިދިޔަ ހުކުރު ދުވަހު އެއްފަހަރާ ގުދުރަތީ ބޮޑު ދެ ހާދިސާއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެގޮތުން ހޫނު ގަދަވުމުގެ ސަބަބުން އެގައުމުގެ ހުޅަނގުގެ ދަނޑުތަކުގައި އަލިފާން ރޯވި އިރު އިރުމަތީ ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފަ އެވެ.
ހޫނުގަދަ ހަފްތާތަކަށް ފަހު ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއް ކަމަށްވާ މާގަރެޓް ރިވާ ކައިރީގައި އޮންނަ ވައިން ފާމްއެއްގައި ރޯވި އިރު އެސަރަހައްދުގެ އެއްވެސް ގެއަކަށް ގެއްލުމެއް ނުވާ ކަމަށްވެ އެވެ. ނަމަވެސް އަލިފާން ގަނޑުގެ ބިޔަ ކަމުން އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހުޅަނގުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވެފައިވާއިރު އެގައުމުގެ އިރުމަތީގެ ސަރަހައްދުތަކަށް ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ވެހި ފެންބޮޑުވެފައިވެ އެވެ.
މީގެ ދެއަހަރު ކުރިން ހޫނުގެ ސަބަބުން އަލިފާން ރޯވި ސަރަހައްދުތަކުގައި މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 21 ސެންޓިމީޓަރަށް ވަނީ ފެންބޮޑުވެފަ އެވެ.
މިފަހަކަށް އައިސް އޮސްޓްރޭލިއާ ބައްރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނަ ގުދުރަތީ ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް