ކޮވިޑާ ގުޅިގެން ޖަޕާނު ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ޖަޕާނުން ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަނާއި ކެއިކޯ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކި ވާހަކަފުޅުގައި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޖަޕާނުގެ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާފައި މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފު ކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ހާއްސަގޮތެއްގައި މާލޭގެ ކަނޑުތޮށި ލުމަށް ޖަޕާނު ސަރުކާރުން ދެއްވާފައިވާ އެހީއާއި ރާއްޖޭގެ ދަރިވަރުންނަށް ކޮންމެ އަހަރަކު ޖަޕާނު ސަރުކާރުން ދެއްވަމުން އަންނަ ސްކޯލާޝިޕް ފުރުސަތުތައް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ރާއްޖޭގައި ހުންނެވި މުއްދަތުގައި، ދިވެހިސަރުކާރުން ދެއްވި އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ޖަޕާނުގައި ރާއްޖޭގެ މުއްސަނދި ސަޤާފަތް ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19އާ ގުޅިގެން ޖަޕާނު ސަރުކާރުން ފަސް ބިލިއަން ޔެން ގެ އެހީތެރިކަން ރާއްޖެއަށް ދެއްވާފައިވާތީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާނު ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ. އެގޮތުން މިއީ ޖަޕާނު ސަރުކާރުން މިހާތަނަށް ރާއްޖެއަށް ދެއްވި އެންމެބޮޑު ކޮންސެޝަނަލް ލޯނުކަން ފާހަގަކުރައްވައި، މިއީ ޖަޕާނު ސަރުކާރުގެ ދީލަތިކަމާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސާއި ޖަޕާނުގެ ސަފީރު ވަނީ ރައީސް 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޖަޕާނަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސް އާ ޖަޕާނުގެ ސަފީރު ވަނީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ދެ ބޭފުޅުންގެ ވާހަކަފުޅު ނިންމަވާލެއްވީ ކުރިމަގުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކުރިޔަށް އޮތް 2022 ވަނަ އަހަރަކީ ޖަޕާނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރޭ އަހަރެވެ.