ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމުގައި ދިވެހި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ. އެ އެމްބަސީން މިހެން ބުނެފައިވަނީ "އިންޑިޔާ އައުޓް" މިނަމުގައި އިއްޔެ އިދިކޮޅުން ބާއްވަން އުޅުނު ސައިކަލް ރެލީގެ ބައިވެރިންތަކެއް ޗައިނާ އެމްބަސީ ކައިރީ މަޑުކޮށްލައިގެން ތިބި ފޮޓޯއެއް ޓުވީޓު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން، މިހަރަކާތަކީ ޗައިނާއިން ފަނޑުކޮށްގެން ހިންގާ ހަރަކާތެއްކަމަށް ބުނުމާ ގުޅިގެންނެވެ.

ޝިއާންގެ މި ޓުވީޓު ދޮގުކޮށް ޗައިނާ އެމްބަސީން ކުރި ޓުވީޓުގައި ބުނެފައިވަނީ ޗައިނާއަކީ އެއްވެސް ޤައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށްވަދެ، އެކަންކަމާއި ބެހޭނެ ގައުމެއް ނޫންކަމަށެވެ. އަދި އެއީ އެމްބަސީން އަބަދުވެސް އަމަލު ކުރަމުންދާ އުސޫލުކަމާށާއި، ރާއްޖެއާއި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރުމަކީ ޗައިނާއިން އަބަދުވެސް ކުރާނެ ކަމެއްކަމަށް ޗައިނާ އެމްބަސީން ބުންޏެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އިއްޔެ އިދިކޮޅު ޒުވާނުން ވަނީ ބޮޑު ސައިލަކު ބުރެއް މާލޭގައި ބޭއްވުމަށް ނިންމާފައި ވަނިކޮށް މިސައިކަލު ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދީ ފުލުހުންވަނީ ހުރަސް އަޅާފައެވެ. ފުލުހުން ބުނެފައިވަނީ މިއީ ހަމަނުޖެހުން ހިންގުމަށް ރާވާފައިވާ ސައިކަލު ބުރެއް ކަމަށާއި އެހެން ކަމުން އެހަރަކާތް ބާއްވަން ޖާގަ ނުދޭނެ ކަމަށެވެ.