ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ޖަވާބުދާރީވާން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް ދީފައިވާ މުއްދަތުގެ ތެރޭގައި އުސޫލާ ހިލާފު ކަންކަން ހިންގި ކަމަށް ބުނެ އެ މައްސަލަ ބަލަން ތާވަލުކޮށްފި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ތިން މެންބަރުންގެ ސޮޔާ އެކު މައްސަލަ ބެލުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލްކޮށްފަ އެވެ. އެހެންނަމަވެސް މައްސަލައިގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން އޮތީ ފާސްވެސްކޮށްފަ އެވެ. ފަސް މެންބަރުން ތިއްބަވަން ޖެހޭ އެ ކޮމިޝަންގައި މިހާރު ތިއްބެވީ ތިން މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި، ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ، އަދި މެންބަރު އައިޝަތު އަބްދުﷲ އެވެ. އޭސީސީގައި ތިއްބެވި މެމްބަރުންނަކީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އައްޔަންކޮށްފައިވާ މެމްބަރުން ނެވެ.