ރައްޖެއިން ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް ކުރި ދަތުރު ނަމޫނާއެއްގެގޮތުގައި ބަލާކަމަށާއި، ގައުމީ ތަރައްގީގައި ދެ ގައުމު ގުޅިގެން މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވިދާޅުވެއްޖެ އެވެ.

ސީނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުގެ އިދާރާއަށް ވަޑައިގެން އެކަމަނާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޝްވަރާ ބައްދަލުކުރެއްވުން ކުރިއަށް ގެންދެވި އެވެ.

ބޮޑުވަޒީރު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވުމަށްޓަކައި މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޚާއްސަ 7 ވަނަ ޖަލްސާގައި ތަގުރީރުކުރައްވަމުން، އެކަމަނާ ވަނީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ މީހެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރުކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި ޝަރަފެއްކަން ފާހަގަކުރައްވާ، އެކަމަނާއަށް އެ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

ބޮޑުވަޒީރު ހަސީނާ ދެއްވި ތަގުރީރުގައި ބަންގްލަދޭޝް އުފެދިގެން އައިގޮތާއި، އެ ގައުމުގެ މިނިވަންކަމަށްޓަކާ ބަންގްލަދޭޝްގެ ބާނީ އަދި އެ ގައުމުގެ ފުރަތަމަ ރައީސް ޝައިޚް މުޖީބުއްރަހްމާން ކުރެއްވި ބުރަ މަސައްކަތްޕުޅާއި، ވެވަޑައިގެންނެވި ގުރުބާނީ އެކަމަނާ ވަނީ ވަރަށް އަސަރާއެކު ފާހަގަކުރައްވާ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި އެވެ.

އެގޮތުން 1975 ވަނަ އަހަރު އެކަމަނާގެ ބައްޕާފުޅުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހު، ބައްޕާފުޅު ހިމެނޭހެން އެކަމަނާގެ އާއިލާގެ 18 މެންބަރަކު އަވަހާރަކޮށްލުމުގެ ހާދިސާއާއި، އެކަމުގެ ސަބަބުން ލިބިގެންދިޔަ ނިކަމެތިކަމާއި، އެ ގައުމުގެ ސިޔާސީ މަޝްރަހު ދެން ބަދަލުވެގެންދިޔަ ގޮތް ބޮޑުވަޒީރު ހަސީނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އެކަމަނާ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ވެސް ބަންގްލަދޭޝަށް ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމަށް އެކަމަނާގެ ބައްޕާފުޅު ކުރެއްވި ބުރަ މަސައްކަތް ކަމަށާއި، މިއަދު ބަންގްލަދޭޝަށް އައިސްފައިވާ ބަދަލުތަކަކީ ބައްޕާފުޅު ސިޔާސަތުތަކާ އެއްގޮތަށް ކުރެވުނު މަސައްކަތުގެ ނަތީޖާކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު ތަގުރީރުކުރައްވަނީ. ފޮޓޯ: މަޖްލިސް

ސިޔާސީ މަސައްކަތްތަކަކީ ގޮންޖެހުން ބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ، ބޮޑުވަޒީރު ހަސީނާ ވަނީ އެކަމަނާގެ އަމިއްލަ ތަޖުރިބާ ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޖަލަށްލުމާއި، އެކި ފަހަރުމަތިން ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާތަކާ ވެސް ކުރިމަތިލާން ޖެހިވަޑައިގެންކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ބޮޑުވަޒީރު ހަސީނާގެ ތަގުރީރުގައި، މިހާރު ބަންގްލަދޭޝަކީ ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި ބަސްކިޔޭ، ޑިމޮކްރަސީ ގާއިމުކުރެވިފައިވާ ގައުމެއްކަން ފާހަގަކުރެއްވި އެވެ. އަދި އިގްތިސާދީގޮތުންނާއި، ތަރައްގީގެ ރޮނގުން އަދި ހަމައެހެންމެ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ބަންގްލަދޭޝަކީ މިއަދު ކުރިއަރާފައިވާ ގައުމެއްކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. ކޮވިޑް-19އާއެކު ދަސްވި އެންމެ މުހިއްމު އެއް ފިލާވަޅަކީ އެއް ގައުމު އަނެއް ގައުމަށް ބޭނުންޖެހިފައިވާ މިންވަރުކަން ފާހަގަކުރައްވާ، ބޮޑުވަޒީރު ހަސީނާ ވިދާޅުވީ، އެއްވެސް ގައުމަކަށް އެހެން ގައުމުތަކާ ވަކިވެގަނެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ހަވީރު ތަގުރީރުކުރައްވަނީ. ފޮޓޯ: މަޖްލިސް

އެކަމަނާގެ ތަގުރީރުގައި ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުމަށް މިއަހަރަކީ މިއީ ވަރަށް އުއްމީދީ ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއްކަން ފާހަގަކުރައްވާ، ދެ ގައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިސާދާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ޝެއިހް ހަސީނާ ފާޅުކުރެއްވި އެވެ. އަދި ބަންގްލަދޭޝްއަށް ތަރައްގީ ގެނައުމުގައި ރާއްޖެއަކީ ނަމޫނާ ގައުމެއްގެ ގޮތުގައި ބަލާ ކަމަށާއި، ގައުމީ ތަރައްގީގައި ދެ ގައުމު ގުޅިގެން މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއްކަން ފާހަގަކުރައްވާ، އެކަމަނާގެ ޒަޢާމަތުގައި ބަންގްލަދޭޝަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ވަކިން ޚާއްސަކޮށް އަންހެނުން ބާރުވެރިކުރުވުމަށާއި، މޫސުމާއި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އެކަމަނާ އިސްވެ ހުންނަވާ ކުރައްވާ މަސައްކަތްޕުޅު ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމާއި ވިޔަފާރީގެ ބޭނުމަށް އިހުޒަމާނުގައި ދެ ގައުމުގެ ދެމެދު ކުރެވުނު ދަތުރުތައް ރަމްޒުކޮށްދޭ ޚާއްސަ ކުރެހުމެއް ރައީސް ނަޝީދު ޝައިޙް ޙަސީނާއަށް ހަދިޔާކުރައްވަނީ. ފޮޓޯ: މަޖްލިސް

މި ޖަލްސާގެ ތެރެއިން ރާއްޖެއާއި ބަންގްލަދޭޝާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމާއި ވިޔަފާރީގެ ބޭނުމަށް އިހުޒަމާނުގައި ދެ ގައުމުގެ ދެމެދު ކުރެވުނު ދަތުރުތައް ރަމްޒުކޮށްދޭ ޚާއްސަ ކުރެހުމެއް ރައީސް ނަޝީދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއަށް ހަދިޔާކުރައްވާފަ އެވެ.