ތެހްރާން (24 ޑިސެމްބަރު) - އީރާނުގެ ނިއުކްލިއާ ހަރަކާތްތަކާ މެދު ހުޅަނގުގެ ކަންބޮޑުވުންތައް ނައްތާލަން ބޭނުންނަމަ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަން އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އާމިރު އަބްދުﷲއަން ގޮވާލައިފި އެވެ.

"އަހަރުމެންގެ ނިއުކްލިއާ ހަރަކާތްތަކާ މެދު ކަންބޮޑުވާނަމަ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ލުއިކުރޭ،" ހުސައިން ވިދާޅުވި އެވެ.

ފަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ނިއުކްލިއާ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާތައް ވަނީ ފަށާފަ އެވެ. އެ މަޝްވަރާ ތަކުގައި އީރާނުގެ އިތުރުން ރަޝިއާ، ފްރާންސް، ޖަރުމަނު ވިލާތް، ޗައިނާ އަދި އިނގިރޭސިވިލާތް ބައިވެރިވެ އެވެ.

ހުސައިން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ފްރާންސް، ޖަރުމަނުވިލާތް އަދި އިނގިރޭސިވިލާތުގެ މާބޮޑު ދައުރެއް އެއްވެސް އިރެއްގައި ނެތް ކަމަށް ބުނެ އެގައުމުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

"އާއްމު ގޮތެއްގައި ހުޅަނގުގެ ގައުމުތަކުގެ، ހާއްސަކޮށް ފްރާންސްގެ ދައުރެއް މަޝްވަރާތަކުގައި ފާހަގަ ކުރެވިފައެއް ނުވޭ،" ހުސައިން ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވަނީ މަޝްވަރާތަކުގައި ރަޝިއާ އަދި ޗައިނާގެ ދައުރު ފާހަގަކޮށް އެ ދެ ގައުމަށް ޝުކުރު އަދާކޮށްފަ އެވެ. އެއާއެކު އީރާނުން މަޝްވަރާތަކަށް ތައްޔާރުކަން އޭނާ ފާހަގަކޮށްފައިވެ އެވެ.

އީރާނުގެ އެދުމުގެ މަތިން މެދުކަނޑާލާފައިވާ ވިއެނާ މަޝްވަރާތައް އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝލުން ވަނީ ބުނެފަ އެވެ. -- އަލް އަރަބިއްޔާ