ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބީއެމްއެލްއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގަ އެވެ.
މިއީ ބޭންކުންވޭތުވެދިޔަ އަހަރުތަކުގައި ހޯދަމުން އައި ރެކޯޑު ކާމިޔާބީތަކާއި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދި ކުރިއެރުން ދަމަހައްޓައި، ހޯދާފައިވާ ނަތީޖާއެކެވެ. ބޭންކުން ދަމަހައްޓަމުންދާ ކުރިއެރުމާއި، ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި، ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން، ބޭރުގެ ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކުވެސް، މި ކުރިއެރުން ދެމެހެއްޓުމަށް މަގުފަހިވި ކަމަށް އެ ބޭންކުން ބުންޏެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެކެވެ.
ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، 30 ޖޫން އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެކެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ. މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފަ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު (261,168 މުއާމަލާތް)، 20 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފަ އެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ.
ބޭންކުގެ އުފެއްދުންތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް ބޭންކުން ދަނީ އިންވެސްޓް ކުރަމުންނެވެ. މީގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގއަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ލީޑަރޝިޕް ތަރައްގީކުރުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނެ އެވެ.
ބީއެމްއެލް 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި، ރަނގަޅު ކެޕިޓަލް އަދި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ. ބޭންކުގެ ދުރުރާސްތާ ސްޓެރެޓެޖީތައް ފަރުވާތެރިކަމާއެކު ތަންފީޒުކޮށް، ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ އިތުރުން ގައުމީ އިގްތިސާދީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު އޮންނާނީ ސާބިތުކަމާއެކުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުން ރަށްވެހިވުމުގެ ފުރުސަތު ހުޅުވާލައިފި
ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރުހުންދީފި
މިނިވަން ދުވަހު ދެއްކި ވާހަކަތަކަކީ ގައުމަށްޓަކައި ދެއްކި
