ރާއްޖެ ހިމެނޭ ސަރަހައްދުގެ ޖައްވު ފުސްވަމުން ދާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށެވެ. އަދި މިކަން ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ މީހުންނަށް މި ހިރަފުހުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މީހުން ބޭރަށް ނުކުމެ އުޅޭއިރު މާސްކުއެޅުމަކީ މުހިންމު ކަމެއްކަމަށް ސިއްހީ މާހިރުން ވެސް ލަފާދެ އެވެ.

ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރު ޖައްވު ނުސާފުވެ އެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ޝާބިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މިފުސްކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކ. ހުޅުލެއާއި ހދ. ހަނިމާދޫ ހުންނަ މެޓް އޮފީހުގެ އޮބްޒަވޭޓްރީއަށް ކަމަށެވެ.

މެޓް އެއޮފީހުން ބުނީ އާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރު ފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދު ރާއްޖެތެރޭގައި ދުރު ފެންނަ މިންވަރު 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް މީގެ ކުރިން ރަށުގައި ހުރެގެން ދުރުން ފެންނަ ރަށްރަށް، ޖައްވު ފުސްވުމުން ނުފެނެ އެވެ.