ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއްކަމަށާއި، އަދި ސަރުކާރު، ސަރުކާރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ދައުލަތެއްގައި ސާމިލްވާ އެންމެންގެ އަޑު އަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި، ކުލި ނުނަގައި އިތުރު ތިން މަސްދުވަސް، ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން ވަނީ އިއުލާނުކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ މިފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމައި އެތަނުގައި ފްލެޓް ލިބުނު ފަރާތްތަކަށް ދިރިއުޅެން ފެށޭވަރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވަނީ އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރަނީ، 2004 ވަނަ އަހަރު ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު އެރި ސުނާމީގައި ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުންކަމުގައި ވިދާޅުވެފަ އެވެ. އަދި، ސުނާމީ ކާރިސާގައި 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނުކަމަށާއި، ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނީ އެއް އާއިލާއެއްގެ މީހުން ފަދައިން އެއްބައިވަންތަކަން އިސްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަ ހާހަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި އަލުން އާރާސްތުކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެން ދިޔަކަމުގައި ވިދާޅުވެފަ އެވެ. އަދި، ބައެއް މީހުން އުމުރުދުވަހުގެ މަސައްކަތުން ކޮޅަށް ޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނުކަމަށާއި، އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެން ދިޔައިރު އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހިންގެ ތެރޭގައި މިއޮތް އެކުވެރިކަމާއި އޯގާތެރިކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ވެސް ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ މިހާރުގެ ހާލަތައް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފަ އެވެ. މިގޮތުން ކޮވިޑްގެ ދަތިކަމުގެ ތެރޭގައިވެސް ދިވެހިންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ކަމަށާއި ގޭގެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން އެމަނިކުފާނު ފާހަގަކޮށް އެ ބޭފުޅުންނަށް ޝުކުރުއަދާ ކުރެއްވި އެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ރާއްޖެއިން އެކަށީގެންވާ ކުރިއެރުމެއް ހޯދާފައިވާކަން ހާމަކުރައްވާފަ އެވެ. އަދި، މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު، އިގްތިސާދީ ނަޒަރަކުން ވިސްނާ ނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައިކަމަށާއި، ކޮވިޑްގެ ކުރިން އޮތް ހާލަތަށް ނުވަތަ އެއަށް ވުރެ ރަނގަޅު ހާލަތަކަށް، ގައުމުގެ އިގްތިސާދު ގެންދިއުމަށްޓަކައި، އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި، މިއީ ގައުމީ މަސްލަހަތު އިސްކޮށް، އެންމެން އެއް އަޒުމެއްގައި އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތުކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.