މާފުށީ ޕިކްނިކް އައިލެންޑް އެރަށު ކައުންސިލާ ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު މާފުއްޓަށް ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފި އެވެ.

ރައީސް މާފުއްޓަށް ކުރައްވާ އެއް ދުވަހުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި، އަންހެންުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.

ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރައްޔިތުން ދަތުރުގޮލާ، ހިތްހަމަޖެހޭ މާހައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އާޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަށެކެވެ.

ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފަ އެވެ. މިމަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފަ އެވެ.