ތެލް އަވީވް (28 ޑިސެމްބަރު) - އީރާނާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އިޒުރޭލުން އެކަނި އީރާނާ ކުރިމަތިލާން ޖެހުނަސް އެކަމަށް ތައްޔާރު ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔާސިރު ލެޕިޑް ވިދާޅުވެއްޖެ އެވެ.

ޔާސިރު މިހެން ވިދާޅުވެފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމަށް ބާއްވާ މަޝްވަރާތަކުގެ 8 ވަނަ ބުރު ވިއެނާގައި ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ޔާސިރު އިތުރަށް ވިދާޅުވީ ބޭނުން ވަނީ ބައިނަލްއަގްވާމީ އެއްބާރުލުމާއެކު ކުރިއަށް ދިއުން ކަމަށާއި އެހެން ނަމަވެސް އެކަން ނާކާމިޔާބު ވެއްޖެ ނަމަ އެކަނި ވިޔަސް އީރާނާ ކުރިމަތިލާން ފަސްނުޖެހޭނެ ކަމަށެވެ.

"ނިއުކްލިއާ އެއްބަސްވުމުގެ ނަމުގައި އީރާނުން ދަނީ މުޅި ދުނިޔެއަށް އޮޅުވާލަމުން. އެކަން ވާނީ އިންޓަލިޖެންސް ހެއްކާއެކު ގައުމުތަކުގެ ސަމާލުކަމަށް ގެނެސްފައި،" ލެޕިޑް ވިދާޅުވި އެވެ.

އީރާނުން ބޭނުންވާ ގޮތަކީ އެގައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުން ކަމަށާއި އެގޮތުން ނިއުކްލިއާ ޕްރޮގްރާމަށް ހޭދަކުރެވޭނެ އެތައް ބިލިއަން ޑޮލަރެއް އީރާނަށް ލިބޭނެ ކަމަށް ވެސް ލެޕިޑް ވިދާޅުވެފައިވެ އެވެ.

2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރުމަށް ކުރެވޭ މަޝްވަރާތަކާއެކު ގައުމުތަކުގެ މަޝްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.

މި އެއްބަސްވުމާ ދެކޮޅު އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލަން ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. -- އަލް އަރަބިއްޔާ