ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާފައިވާއިރު، ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް ކައުންސިލްތަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ޙަވާލުކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބޮޑެތި ބަދަލުތަކާއެކު، ހިންގުމުގެ ބާރާއި މާލީ ފުދުންތެރިކަމުގެ ބާރާއި ފައިސާ ހޯދުމުގެ ބާރު ވެސް ކައުންސިލްތަކަށް ދޫކޮށްލެވިފައިވާކަން ފާހަގަކުރެއްވި އެވެ.

""ލާމަރުކަޒީ ގާނޫނަށް އަޅުގަނޑުމެން މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. ބާރުތައް މިވަނީ ކައުންސިލްތަކަށް ދޫކޮށްލެވިފައި. ހިންގުމުގެ ބާރާއި، މާލީ ފުދުންތެރިކަމުގެ ބާރާއި، ފައިސާ ހޯދުމުގެ ބާރު މިވަނީ ދޫކޮށްލެވިފައި. ކައުންސިލުން މިތަންތަނުގެ ބޭނުންކުރަމުންދާއިރުގައި، އަޅުގަނޑުގެ އެދުމަކީ، ރައްޔިތުންނަށް ފައިދާވާގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް މިކަން ރާވައިގެން ކުރިއަށް ގެންދިޔުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ ބޭނުން ކުރުމުގައި ހަދާ ލޭންޑް ޔޫޒް ޕްލޭނަށް މާފުށީ ރައްޔިތުންގެ ލަފާ ހޯދައި އެ ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެގޮތަށް މަސައްކަތް ކޮށްދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

"ހަގީގަތުގައި އިތުރުކުރެވުނު ބިމާއި، ޕިކްނިކް އައިލެންޑް މި ޙަވާލުކުރެވެނީ މާފުށީގެ ރައްޔިތުންނާ. އަޅުގަނޑު އުއްމީދު ކުރަނީ، މާފުށީ ކައުންސިލުން މިތަން ބޭނުންކުރަން ނިންމާނީ، ލޭންޑް ޔޫސްޑް ޕްލޭން ހަދަމުން ގެންދާނީ، މާފުށީގެ ރައްޔިތުންނާ މަޝްވަރާކޮށް، މާފުށީގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެދުމަކީ، ބިން ބޭނުންކުރާ ގޮތުގެ ކަންތައްތައް ކުރަމުންދާއިރުގައި، ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން ބޭނުންވާގޮތަށް، އެ ކަންތައްތައް ކޮށްދިނުން ކަމަށެވެ. އަދި ޕިކްނިކް އައިލެންޑްގެ ބޭނުން ވެސް ރައްޔިތުންނަށް ހިފެންޖެހޭނެ ކަމަށާއި ހިއްކި ބިމުގެ މަންފާވެސް، ފައިދާ ވެސް ރަށުގެ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވީތީ އެކަމަށްޓަކައި އެމްޓީސީސީގެ އެންމެހާ ހީވާގި މުވައްޒަފުންނަށާއި އެ ކުންފުނީގެ އިސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވި އެވެ. އަދި އެމްޓީސީސީގެ ދުވެލި މިހާރު ހުރިގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަައް ފުއްދޭނެކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެމަނިކުފާނު މާފުށްޓަށް ވަޑައިގަތުމުން އެ ދުވަހު އަޑު އިވިވަޑައިގަތީ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ޝަކުވާ ކަމަށާއި އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވީ ބިން އިތުރުކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވި ފަދައިން ލޯކަލް ޓޫރިޒަމަށް ބޭނުންވާ ބިން މިއަދު އިތުރުކުރެވިފައިވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން އެ މަސައްކަތުގައި، މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިމާ އަދި ޕިކްނިކް އައިލެންޑުގެ މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެ އެވެ. އެ ރަސްމިއްޔާތުގައި ވަނީ މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރައްވާފަ އެވެ. އަދި ރަސްމިއްޔާތަށްފަހު ރައީސް ވަނީ މާފުށްޓަށް އަލަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ބައްލަވާލައްވާ، އެ ބިން ފެހިކުރުމަށް ބޭއްވި ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރުކެއް އިންދަވައިދެއްވާފަ އެވެ.