ސިންގަޕޫރު (29 ޑިސެމްބަރު) - ދެކުނު އެފްރިކާއިން އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓާއި ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކާ މާބޮޑު ތަފާތެއް ނެތް ކަަމަށާއި އެހެން ވޭރިއަންޓްތަކާއެކު ދިރިއުޅުނު ފަދައިން މި ވޭރިއަންޓާއެކު ވެސް ދިރިއުޅެވޭނެ ކަމަށް ސިންގަޕޫރުގެ ތަޖުރިބާކާރުން ބުނެފި އެވެ.

އެ ގައުމުގައި ފާއިތުވި އެއްމަސް ވަންދެން އޮމިކްރޯން ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮތުމަށްފަހު މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފަ އެވެ. އެގޮތުން އޮމިކްރޯން ޖެހުނު ބަލިމީހުން ހޮސްޕިޓަލުތަކުގައި އެނދުމަތި ކުރުމުގެ ބަދަލުގައި ކަރަންޓީނުވެ ތިބެ ގެއިން ފަރުވާ ހޯދުމަށް ވަނީ ދޫކޮށްލާފަ އެވެ.

ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގެ ޑީން ސޫ ލީ ޔޭންގް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓްގެ ކޮންޓެކްޓް ޓްރޭސިން މާގިނަ ދުވަސް ވަންދެން އެހާ ގާތުން ނުބެލޭނެ ކަމަށާއި އެހެން ކަމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެހެން ސިޔާސަތުތަކެއް ގާއިމު ކުރަންޖެހޭ ކަމަށެވެ.

ސައިންސްވެރިން ހޯދާފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި އޮމިކްރޯން ގައިން ގަޔަށް އަރާ މިންވަރު ހަލުވި ނަމަވެސް އެ ބަލީގައި ހާލުބޮޑުވުން ޑެލްޓާ ވޭރިއަންޓާ އަޅާކިޔާއިރު ދުރެވެ.

އޭޝިއާ ޕެސިފިކް ސޮސައިޓީ އޮފް ކްލިނިކަލް މައިކްރޮޓައޮލޮޖީ އެންޑްް އިންފެކްޝަންގެ ރައީސް ޕައުލް ތަމްބްޔާ ވިދާޅުވީ މިހާރު އޮމިކްރޯންގެ ސިފަތައް ދެނެގަނެވިފައިވުމާއެކު އެއީ ޓީބީ އަދި އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ އެހެން ބަލިތަކެކޭ އެއްފަދަ ބައްޔެއްގެ ގޮތުގައި ބަލަން ވެއްޖެ ކަމަށެވެ.

އޮމިކްރޯންއާއެކު ސިންގަޕޫރުގެ އިތުރުން އެހެނިހެން ގައުމުތަކުގައި ވެސް ވެކުސިންގެ ބޫސްޓާ ޑޯޒް ޖެހުން އިތުރުކޮށް އާބާދީގެ ގިނަ ބަޔަކަށް ވަނީ ބޫސްޓާ ޑޯޒްއިން ރައްކާތެރިކަން ހޯދައިދީފަ އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި އޮމިކްރޯން ވޭރިއަންޓްއަށް ތައްޔާރު ވުމުގެ ގޮތުން ސިއްހީ ދާއިރާ ފުޅާކޮށް އައިސީޔޫ އެނދުތައް އިތުރު ކުރަމުން ދިޔަ ނަމަވެސް މި އާ ވޭރިއަންޓްގެ ސަބަބުން ކުރިއަށްވުރެ ވަކި ބޮޑު ތަފާތެއް ސިއްހީ ދާއިރާއިން ނުފެންނަ ކަމަށް މާހިރުން ބުނެ އެވެ.

އެހެން ކަމުން އޮމިކްރޯންއަކީ ވެސް މީގެ ކުރިން ފެނިފައިވާ ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކާ އެއްފަދަ ވޭރިއަންޓެއް ކަަމަށް ދެކި ދިރިއުޅުން ކުރިއަށް ގެންދިއުމަށް މާހިރުން ލަފާދެ އެވެ. -- އަލް އަރަބިއްޔާ