"ސްކްރަބް ޓައިފަސް" ނުވަތަ "ސެއްޅި ރޯގާ" އިން ސަލާމަތްވުމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކޮށްފި އެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ރޯގާއަކީ މީދާ ފަދަ ޖަނަވާރުގެ ގައިގައި އުޅޭ ސެއްޅިއެއްގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށެވެ.

ސެއްޅި މީހާގެ ގަޔަށް ފޯރުމާއެކު، ހަމުގައި ބެދިފައި ހުންނަ ހިސާބުތަކުގައި ތާށިވެ، ދަތްއަޅަ އެވެ. އަދި އާންމުކޮށް ސެއްޅި ހަފައިގަންނަނީ ކަންފަތުގެ އެތެރެ ފަދަ ނުފެންނަ ތަންތަނުގަ އެވެ.

ސެއްޅި ރޯގާ ޖެހިގެން މިއަދު ވެސް ކުއްޖަކަށް ފަރުވާދިންކަން ފާހަގަކުރައްވައި، ޑރ. ފައިސަލް ވަނީ މިއީ ސީރިއަސް ބައްޔެއް ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ފަރުވާ ނުދެވި ދިގުލައި ހިނގައްޖެނަމަ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

މި ބައްޔަކީ މީގެ ކުރިން ދުވަހަކު ވެސް މާލެއިން ނުފެންނަ ބައްޔެއް ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މި ބަލި އާންމުކޮށް ފެންނަނީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ވެސް، ބޮޑަށް ވާ ހެދިފައި އޮންނަ ރަށްތަކަށް ގޮސްފައި އަންނަ ކުދިންގެ ފަރާތުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ، ސެއްޅި ހަފައިފިނަމަ، އެންޓިބަޔޮޓިކެއް ކަމަށްވާ "ޑޮކްސީސައިކްލިން" އިން ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަސްތަކު ތެރޭގައި އުޅޭއިރު، ގައި ފޮރުވޭ ގޮތަށް ހެދުން އެޅުމަށް ވެސް ޑރ. ފައިސަލް އިލްތިމާސްކޮށްފައިވެ އެވެ.