އެއީ މީލާދީން 1702 ވަނަ އަހަރާއި 1711 ވަނަ އަހަރާ ދެމެދުގެ ދުވަސްތަކެވެ.

މާލޭގެ ފަޅުތައް ފުރިފައި އޮންނަނީ އަވައްޓެރި ގައުމުތަކުން އައިސް ހުންނަ އުޅަނދުތަކުންނެވެ. އިންޑިޔާގެ އެކި ހިސާބުތަކުން މި އުޅަނދުތައް އަންނަނީ ރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން އެހީތެރިކަމުގެ ބޭނުމުގަ އެވެ. ޚާއްސަކޮށް އާޝޫރާ ދުވަހު އެފަދަ އުޅަނދުތައް ގިނަ ވާނެ އެވެ. އެ ދުވަހަކީ އެކިއެކި ގޮތްގޮތުން ދަރަނި ވެރިވެފައިވާ ފަރާތްތަކަށް ދިވެހި ރަސްގެފާނުގެ ޚާއްސަ އެހީތެރިކަން ފޯރުކޮށްދެއްވާ ދުވަހެވެ. އެ ދީލަތި ރަދުންނަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މަޝްހޫރު ދެއްވަދޫ ރަސްގެފާނެވެ.

ދެއްވަދޫ ރަސްގެފާނަކީ އައްޑޫ ބޮޑު ފަނޑިޔާރު އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ހުވަދު އަތޮޅު ވާދޫން ކުރެއްވި ކައިވެންޏަކުން ލިބި ވަޑައިގެންނެވި ދަރިކަލެއް ކަމަށްވާ އަލްހާއްޖު އަލީ ތުއްކަލާ އެއަތޮޅު ދެއްވަދޫން ކުރެއްވި ކައިވެންޏަކުން ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ރާއްޖޭގެ ތާރީޚާ ބެހޭ ގިނަ ލިޔުއްވުންތަކެއް ލިއުއްވި މަރުހޫމު މުހައްމަދު ވަހީދު ނަދުވީ ލިޔުއްވާފައިވާ ގޮތުގައި އެ ދަރިކޮޅަކީ ބޮޑެތި ޢިލްމުވެރިންތަކެއް އެ ދަރިކޮޅަށް ނިސްބަތްވާ ދަރިކޮޅެކެވެ.

ރާއްޖޭގެ ރަސްކަމުގެ ދަރިދަރިކޮޅާ ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރެއްވި ބޭފުޅެއްކަމަށްވާ އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ވިދާޅުވާ ގޮތުން މިދަރިކޮޅުގެ ފެށުން ގުޅެނީ ފުވައްމުލަކުގެ ދައިގަނޑާ އެވެ. ފުވައްމުލަކުގެ ދައިގަނޑަކީ ރާއްޖޭގައި ރަސްކަން ކުރި ދެއްވަދޫ ރަސްގެފާނާއި ދިޔަމިގިލީ ދަރިކޮޅާއި އިސްދޫ ދަރިކޮޅުގެ ވެސް ފެށުން ނިސްބަތްވާ ގެ އެވެ.

ދެއްވަދޫ ރަސްގެފާނަށް ރަސްކަން ލިބިވަޑައިގެންނެވީ އާއިލީ ގޮތުން ވާރުތަ ވެގެނެއް ނޫނެވެ. ރާއްޖޭގެ ރަސްކަމުގައި ހުންނެވި ބޭރުގެ ބޭކަލެއްކަމަށްވާ ސައްޔިދު ރަސްގެފާނު އަވަހާރަވިއިރު އެ ރަސްގެފާނުގެ ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ނެތެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އާދަކާދަ ނިއާކުރާގޮތުން އެފަދަ ހާލަތެއްގައި ރަސްކަން ލިބުން އެންމެ އައުލާކަން ބޮޑީ އެވަގުތެއްގައި ހުންނެވި ދީނީ އެންމެ އިސް ބޭފުލަކަށެވެ. އެގޮތުން މާލޭގެ ބޮޑުން ބޭނުންވީ ފޮނަދޫ ފަނޑިޔާރު ކަލޭގެފާނަށް ރަސްކަން އަރުވާށެވެ. އެހެން ނަމަވެސް ފަނޑިޔާރު މަނިކުފާނު އެކަމަށް އުޒުރުވެރިވެ އަނބިކަނބަލުންނާ އެކު މާލެއިން ފުރުއްވައިގެން ލ. ފޮނަދުއަށް ވަޑައިގަތީއެވެ. މިފަދަ ދަނޑިވަޅެއްގައި ރަސްކަމަށް ވާދަވެރިކަމުގެ ރޫހެއް އުފެދުމަކީ ތަބީއީ ގޮތުން ވެސް ނުވެ ނުދާނެ ކަމެކެވެ. ދަނޑިވަޅުގެ ބޭނުންކުރައްވައިގެން ރަސްކަން ހޯއްދެވުމަށް އެންމެ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ އެވަގުތު މާލޭގެ ޚަތީބުކަމުން ފަނޑިޔާރު ކަމަށް ބަދަލުވެފައި ހުންނެވި ދެއްވަދޫ މުހައްމަދެވެ.

އެމަނިކުފާނާ އެންމެ ބޮޑަށް އެއްބައިވެ އެހީތެރިކަން ދެއްވި ބޭކަލަކީ ރާއްޖެ ދުށް އެންމެ ބޮޑު އިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަނަނަވާ މަޝްހޫރު ހަސަން ތާޖުއްދީނެވެ. ތާޖުއްދީނަކީ މައްކާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ދީނީ އިލްމުވެރިއެކެވެ. ކުޅަދާނަ އަދީބެކެވެ. މޮޅު ލިއުންތެރިއެކެވެ. އެމަނިކުފާނުގެ އެންމެ މަޝްހޫރު ލިއުމަކީ އަރަބި ބަހުން ލިޔުއްވި ރާއްޖޭގެ ތާރީޚެވެ.

ތާޖުއްދީނާއި ދެއްވަދޫ ޚަތީބު މުހައްމަދުގެ ޓީމަކީ ގައުމުގައި އަދުލުވެރި ވެރިކަމެއް ކުރުމަށް ވެވުނު އެއްބަސްވުމެއްގެ ދަށުން އުފެދުނު ޓީމެކެވެ. ރަސްކަން ހޯއްދެވުމަށްޓަކައި މުހައްމަދުގެ ގޭގައި އޭރުގެ ގިނަ ވަޒީރުންތަކަކާއެކު މަޝްވަރާކުރެވުނެވެ. މި ސައްލާއަށް ފަހު އެންމެން މުހައްމަދަށް ރަސްކަން ހޯއްދަވައި ދެއްވުމަށް އަހުދުވެ ބައިއަތު ހިފި އެވެ. އެރޭ އެ މީހުންނަށް ގިނަ އަދަދެއްގެ ލާރި މުހައްމަދު ދެއްވި އެވެ. އަދި ރަސްކަން ކާމިޔާބު ވެއްޖެނަމަ އިތުރު ދެ ލައްކަ ލާރި ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.

ކުރިން ރާވައި ނިންމައިފައިވާ ޕްލޭނާއެކު އެއްރެއެއްގެ ފަޖުރުލުމުގެ ކުރިން މުހައްމަދު ގޮވައިގެން ގަނޑުވަރަށް ގޮސް އެމަނިކުފާނު ތަޚުތުގައި ވެޑުވި އެވެ. އެކަން ކުރީ އެވަގުތު ގަނޑުވަރު ތެރޭގައި ތިބި މީހުންގެ އަތްފައި ބަނދެފަ އެވެ. އެއަށްފަހު ނާބުސްތާނުން ބެރު ޖަހައި ރަސްކަލަކު ރަސްކަމަށް އިސްވިކަން އިއުލާން ކޮށްފި އެވެ. މި އިއުލާނާއެކު ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ އިރު ދިވެހި ގައުމަށް އުދަވީ އެވެ.

ދެއްވަދޫ ރަސްގެފާނު ރަސްކަމަށް އިސްވެ ފަނޑިޔާރުކަން ދެއްވީ ތާޖުއްދީނަށެވެ. ތާޖުއްދީނު ފަނޑިޔާރުކަމާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނު ކުރައްވާ ހުކުމަކާ ރަސްގެފާނު ބެހިވަޑައި ނުގަނަނަވާނެކަމުގެ އަހުދު ކަށަވަރު ހިތްޕެވުމަށް ފަހު އެވެ. މިޒަމާނުގައި އަޅުގަނޑުމެން ގެންނަން ބޭނުން ވެގެން މި އުޅޭ މިނިވަން ޖޫޑިޝަރީގެ ވާހަކަ މިތަނުން ރީތިކޮށް ފެނެ އެވެ.

ދެއްވަދޫ ރަސްގެފާނުގެ ވެރިކަން އައިއިރު ރާއްޖޭގައި ނިކަމެތިން އަޅުންގެ ގޮތުގައި ގެންގުޅެ އެ މީހުން ލައްވައި އުޖޫރަޔަކާ ނުލައި މަސައްކަތް ކުރުވަ އެވެ. އަދި އެފަދަ މީހުން ބާޒާރުގައި ވިއްކާ ވެސް ލަ އެވެ. އެކަމަކު ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި މިކަން ހުއްޓުމަކަށް ގެންނެވި އެވެ. އެއްވެސް މީހަކު ލައްވައި އުޖޫރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވުން މަނާ ކުރެއްވި އެވެ.

ނިކަމެތިންގެ ތެރެއިން މުއްސަނދިންނަށް ދަރާ އޮތުމުގެ ސަބަބުން އެމީހުންނަށް މިގޮތަށް ޚިދުމަތް ކޮށްދޭން ޖެހިފައި ތިބި މީހުންގެ ދަރަނި ބައިތުލް މާލުން ދެއްވައި ޚަލާސްކުރައްވައި އެ މީހުން މިނިވަންކޮށްދެއްވި އެވެ. އެ ރަދުންގެ ރަސްކަމުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބާވެ ވީރާނާވެފައި ހުރި މިސްކިތްތައް އާ ކުރައްވައި އަލަށް އެތައް މިސްކިތެއް ބިނާ ކުރެއްވި އެވެ.

ރައްޔިތުންގެ އަތުން ނަގަމުން ގެނަދިޔަ ވާރުން އެތައް ބައެއް އުނިކުރެއްވި އެވެ. އެ ޒަމާނުގެ އާދައެއްގެ ގޮތުގައި އޮންނަނީ މީހަކު މަރުވެއްޖެނަމަ އެ މީހާގެ މުޅި މުދާ ސަރުކާރަށް ނުވަތަ ރަސްގެފާނަށް ލިބުމެވެ. ދެއްވަދޫ ރަސްގެފާނުގެ ވެރިކަމުގައި މިކަން ވެސް ހުއްޓުވައި މަރުވާ މީހާގެ މުދާ ވާރިސުންނަށް ލިބޭ ގޮތަށް ހަމަ ޖެއްސެވި އެވެ.

ޖުމްލަ ގޮތެއްގައި ރާއްޖޭގެ އޭރުގެ ދިވެހިންގެ ދިރިއުޅުން އެތައް ގޮތަކުން މައްޗަށް ޖެހިލި އެވެ. ދިރިއުޅުން ފަސޭހަވެ ރައްޔިތުން އުފާ ފާގަތި ކަމުގައި އުޅުނެވެ.

ދެއްވަދޫ ރަސްގެފާނު އަވަހާރަވީ 1112 ވަނަ އަހަރު ޝައުބާން މަހު ހަވަނަ ދުވަހު އެވެ. އެ ރަސްގެފާނު އަވަހާރަވިއިރު ދަރިކަލަކު ނެތެވެ. ރަސްގެފާނު އަވަހާރަވުމުން ފަސްދާނުލެއްވުމުގެ ކަންތައް ނިންމެވުމަށް ފަހު އެ ރަސްގެފާނުގެ ފަނޑިޔާރު ތާޖުއްދީނު އާއިލާއާއެކު ރާއްޖެ ދޫކުރައްވައި މައްކާއަށް ވަޑައިގެންފި އެވެ. އެއާއެކު ރާއްޖެ ދުށް ރައްޔިތުންގެ ހައްގުތަކަށް ފަރުވާވެ އަދުލަށް ވެރިކަން ކުރި ރަސްކަމެއްގެ ދައުރު ނިމުނީ އެވެ.