ދެ ޖިންސުގެ ދިވެހި ޒުވާނުން ހައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް، ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެކަމަށާއި، މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި ޢަޒުމަކަށް ހަދަންވީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިތާބުގަ އެވެ.

ރައީސް ވިދާޅުވީ ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ، ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން، އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއްކަމުގަ އެވެ. އަދި މުޅި ރާއްޖެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަހައްމަލުކުރުމުގައި، ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި، ވަރަށް އިހްލާސްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފަ އެވެ.

އާ އަހަރަކަށް މަރުޙަބާ ކިޔާއިރު، ކޮންމެ ފަރުދެއްގެވެސް އުންމީދަކަށް ވާނީ، ކޯވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ގެއްލުންތައް ވީއެންމެ އަވަހަކަށް ފޫބައްދައި، ކުރިއަށްވުރެ ފާގަތި އަދި އުފާވެރި ދިރިއުޅުމަކާ ކުރިމަތިލުންކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމެއްގެ ނިސްބަތުން ބަލާއިރުވެސް، މުޅި މުޖްތަމަޢު އެކުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ އެއީ ކަމުގައި ފާހަގަކުރައްވާފަ އެވެ.

ހަމަ އެފަދައިން ކޯވިޑްގެ ދަތިކަމުގެ ތެރޭގައިވެސް، ދިވެހިރާއްޖެ މިއަދު މިވަނީ، އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިފައިކަމަށާއި، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ރުޖޫއަވެވިފައި ވިޔަސް، ކޯވިޑްގެ ނުރައްކާތެރިކަން މުޅިން ފިލައިގެން ދިޔައީ ނޫންކަން ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވަނީ މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަގީގީ ތަރައްގީއަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު، މިފެށުނު އާ އަހަރަކީ، ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް، ކުރިއަށް ވުރެ އެތައް ގުނައަކަށް ފާސިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވާފައެވެ. އަދި، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހްރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް، އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން، މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެކަމަށާއި، އެފަދަ ކިތަންމެ އާ މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.