ގުޅިފަޅުގެ ޕްލޭން ބަދަލުކޮށް، މާލޭގެ ރައްޔިތުންނަށް ގޯތި ގެދޮރު ލިބޭނެ ގޮތަކަށް ފަހިކުރުމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފި އެވެ.

މޭޔަރު މުއިއްޒު މިގޮތަށް ސަރުކާރަށް ގޮވާލެއްވީ މީލާދީ އައު އަހަރުގެ ތަހުނިޔާ މާލެ ސިޓީ ރައްޔިތުންނަށް ފޮނުވައި މުއިއްޒު ދެއްވި ކުރު ވީޑިއޯ މެސެޖްގައިވެ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ޕްލޭނާއި އެއްގޮތަށް ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ލިބޭނެ ގޮތަކަށް ކަންކަން ފަހިކޮށްދެއްވިގެންދާނެ ކަމަށެވެ.

ކައުންސިލާއި ހަވާލުވެގެން މިވީ ކުރު މުއްދަތުގައި ވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިމަތިވާ ދަތިތަކާއެކު ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުމަށް މާލޭ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ކައުންސިލުން ސަރުކާރުގައި އެދިފައިވާ ކަންކަމަށް އިޖާބަ ނުދިނުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުންމެއް ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތު އެކަމުގައި ކައުންސިލާއި އެއްހަމަ ކުރެވިއްޖިއްޔާ އެއީ ޔަގީނުންވެސް ހާސިލްވާނެ ކަމެއް. އަޅުގަނޑުމެން ސަރުކާރަށް މިއަދުވެސް އާއަހަރުގެ މި މުނާސަބަތުގައި ދަންނަވާލަން ބޭނުންވަނީ މާލޭގެ ރައްޔިތުންނަށް ކުިރމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރުގެ މައްސަލަ ހައްލު ކުރުމުގައި ކައުންސިލުން މިއެދޭ ގޮތަށް ސަރުކާރުން ހަމަޖައްސައި ދެއްވާށޭ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކައުންސިލުން މިހާތަނަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ. އަދި މިފެށޭ އާ އަހަރުގައި މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ކުރިމަތިވާ ހުރަސްއަކާއެކުގައި ވެސް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.